އައްޑޫ ސިޓީގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓަރ އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ހިތަދު ރީޖަނަނަލް ހޮސްޕިޓަލަށް ވަޑައިގެން އެތަނުގެ އިސް ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި މިނިސްޓަރ ވަނީ އައްޑޫ ރައްޔިތުންނަށް ސިއްޙީ ދާއިރާއިން ދިމާވާ ދަތިތައް އޮޅުންފިލުވާފައެވެ. އަދި ދަތިތަކަށް ޙައްލު ހޯދައިދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، އައްޑުސިޓީގައި ލިބެންހުރި ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމަށެވެ.
ހެލްތް މިނިސްޓަރ އަމީން އައްޑޫސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫސީޓީގައި އަމިއްލަ ފަރާތަކުން ހިންގަމުންދާ ހޮސްޕިޓަލެއްކަމަށްވާ އިންޓަރނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރ، އައިއެމްޑީސީ އަށް ޒިޔާރާތްކުރައްވައި އެތަނުގެ ޙާލާތުވެސް ބައްލަވާލައްވާފައެވެ.
ހެލްތް މިނިސްޓަރގެ ދަތުރުފުޅުގައި އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އައްޑޫސިޓިގެ މަރަދޫ ފޭދޫ އަދި ފޭދޫ ސިއްޙީ މަރުކަޒަށާއި، ދަމަނަވެއްޓަށް ވަޑައިގަތުމަށް ހަމަޖެހިފަިއވެއެވެ. މީގެއިތުރުން އައްޑޫސިޓީގައި އަލަށް ތަރައްޤިކުރަމުންދާ ޓާޝިއަރީ ހޮސްޕިޓަލްގެ މަސައްކަތްތައްވެސް މިނިސްޓަރ ބައްލަވާލައްވާނެއެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާގައި ކައުންސިލްތަކުގެ ދައުތު އިތުރަށް ފުޅާކުރައްވާނެކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަދި ސިއްޙީ ދާއިރާގެ މުހިންމު ބައެއް ކަންކަން ހަރުދަނާކުރުމަށް ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.