ޚަބަރު

ފަސްދޮޅަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ލުއި ލޯނު ސްކީމެއް ތަޢާރަފްކުރަނީ


މަސްވެރިންނަށް ހާއްސަ ލުއި ލޯން ސްކީމް ވަރަސް އަވަހަށް ތަޢާރަފްކުރާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "ރައްކާވެތިބިއްޔާ" ދަތުރު ޕްރޮގްރާމްގައި މަސްވެރިންގެ ދުވަހާއިބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ ރާއްޖޭގެ ގިނަ މަސް ދޯނިތަކުގައި އައިސް އުފައްދާ ނިޒާމްތައް ޤާއިމްކުރެވިފައި ނެތްކަމަށެވެ. އަދި މަސް ތާޒާކަމުގައި ފޯރުކޮށްދިނުމަށް މިފަދަ ނިޒާމްތައް ދޯނީގައި ޤާއިމްކުރުން މުހިންމުކަށާއި، މިކަމުގައި މަސްވެރިންނަށް އެހީތެރިވުމަށް ލުއި ލޯނު ސްކީމެއް ތައާރަފްކުރަން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ލުއި ލޯން ދިނުމުގެ ޕްރޮގްރާމެއް އެބައޮތް. އެއީ ދޯނީގެ ވަތުގައި ފެން ފިނިކޮށް، ނޫނި އައިސް އުފައްދޭނެ ނިޒާމް ޤާއިމްކުރުމަށް މަސްވެރިނަށް ފޯރުކޮށްދޭ ލޯން ސްކީމެއް. މިކަމަށް މަސައްކަތް ކުރަމުން މިދަނީ. މިވެސް ހުޅުވާލެވޭނެ، ހުޅުވާލީމަ މިފަދަ ލުއި ލޯން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީން ލޯން ދޫކުރާނެ." ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިޔަށް އޮތް ފަސްދޮޅަސް ދުވަހުގެ ތެރޭގައި ނުވަތަ އެއަށްވުރެވެސް އަވަހަށް އޮޑިދޯނީގައި އައިސް އުފެއްދޭނެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ފަރާތްތަކަށް ލުއި ލޯނު ދޫކުރަން ފަށާނެކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓްތައް ޤާއިމްވެފައި ހުރިނަމަވެސް މިތަންތަން ރަނގަޅަށް ނުހިނގާތީ، މަސްވެރިންނަށް ޢެކަމުގެ ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް ރާއްޖޭގެ އެކި ސަރަހައްދުގައި ހުރި މިފަދަ އައިސްޕްލާންޓުތައް ރަނގަޅަށް އޮޕަރޭޓްކޮށް، މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދޭން ފެށުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިންނަށް ލޯނު ސްކީމެއް ތަޢާރަފްކުރަން ސަރުކާރުން މަސައްކަތްކުރަމުންދާއިރު، މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އިންތިހާބީ ވައުދެކެވެ.