ޚަބަރު

އަންހެނުންނަށް ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަނީ


މިސްކިތްތަކުގައި އަންހެނުންނަށް ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

ކަނޑައެޅޭ ވަކި މިސްކިތްތަކެއްގައި އަންހެނުންނަށް ފަސޭހަކަމާއެކު ނަމާދުކުރުވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެތެރޭގައި ހިމެނޭ ކަމެށެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ، ރާއްޖޭގެ ބައެއް މިސްކިތްތަކުގައި މިހާރުވެސް އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިހުރި ނަމަވެސް، އަންހެނުންނަށް ނަމާދު ނުކުރެވޭގޮތަށްހުރި މިސްކިތްތަކަކީ ކޮބައިކަން ދެނެގަތުމަށް ސާރވޭއެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

''މިހާރުވެސް އެބަހުރި ބައެއް މިސްކިތްތަކުގައި އަންހެންވެރިންނަށް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި. އެގޮތަށް ހުރި މިސްކިތާއި، ފަސޭހައިން ނަމާދުނުކުރެވޭ ގޮތަށް ހުރި މިސްކިތްތަށް އަޅުގަނޑުމެން އެބަބަލަން. އަދި ފަސޭހައިން ނަމާދުކުރެވޭނީ ކޮން ގޮތަކަށް ތޯ އެވެސް އެބަ ބަލަން. އަތޮޅުތަކުގައިވެސް ބަލާފައި ސާރވޭ ހެދުމަށްފަހު ނިންމާނީ، މިއީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަމެއް" - ޑރ. އަޙްމަދު ޒާހިރު ޢަލީ – މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް

އިސްލާމިކް މިނިސްޓަރ ވިދާޅުވީ، މިސްކިތްތަކުގައި އަންހެނުންނަށް ފަސޭހައިން ވުޟޫކުރެވޭނެ އިންތިޒަމާއި، ފާހާނާ ކުރެވޭނެ އިންތިޒާމުވެސް ހަމަޖެއްސުމަށް ރާވާފައިވާ ކަމަށެވެ. މި މަސައްކަތް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.