ޚަބަރު

މަދިރި ނައްތާލުމުގެ ގޮތުން ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން ސާފުކުރުމުގެ ޕްރޮގްރާމް ފަށައިފި


މަދިރި ނައްތާލުމުގައި ނަމޫނާ މުއައްސާއަކަށްވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ސާފުކުރުމުގެ ޕްރޮގްރާމް ހެލްތް މިނިސްޓްރީން ފަށައިފިއެވެ.

މުޅި ރާއްޖޭގައި މަދިރި، މީދާ އަދި ވާ މަދުކުރުމުގެ ޕްރޮގްރާމް ޤަވާއިދުން ހިންގަން ފެށުމަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ރިޔާސީ ވަޢުދެކެވެ.

މި ޕްރޮގްރާމްގެ ތެރެއިން މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލުމުގެ ޕްރޮގްރާމް މިހާރު ރަސްމީކޮށް ފަށާފައިރު، އަތޮޅުތެރޭގައި ހުރި ސިއްޙީ މަރުކަޒުތަކުގެ ގޯތިތެރެއާއި އިމާރާތުގެ ވަށައިގެންވާ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލުމަށް ކުރާ މަސައްކަތުގެ ދަށުން އަތޮޅުތެރޭގައި ހުރި ހޮސްޕިޓަލްތަކުންވެސް ސާފުކުރުމުގެ ޕްރޮގްރާމް ހިންގަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

"މަދިރި ނައްތާލުމުގައި ނަމޫނާ މުއައްސާސާ" މިޝިއާރުގެ ދަށުން ކުރިއަށް ގެންދާ ސާފުކުރުމުގެ ޕްރޮގްރާމްގައި ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ހުމުން ރައްކާތެރިވެތިބުމަށް ތިމާ ދިރިއުޅޭ މާހައުލާއި ވަށައިގެންވާ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމަށް ކަމާ ގުޅޭ ވުޒާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.