މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ މިމަހުގެ 27 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް، މަޓާޓޯއިން އިންތިޒާމްކޮށްގެން ބާއްވާ ޓްރެވަލް އެވޯޑްސްގެ ގާލާ އޮންނާނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައެވެ.
މިއަހަރުގެ ގާލާ އިވެންޓްގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 200 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވާނެއެވެ.
މިއަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ރެކޯޑް އަދަދަކަށް ނޮމިނޭޝަން ލިބިފައިވާކަމަށް މަޓާޓޯއިން ބުނެއެވެ. މިއީ 25 ކެޓަޤަރީއަކުން 200 ނޮމިނޭޝަނެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑްސް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މީގެ އިތުރުން މިއަހަރު ޕީޕަލްސް އެޑިޝަން އެވޯޑްވެސް ކުރިއަށްދާނީ ގާލާ ނައިޓްގެ ތެރެއިންނެވެ. ޕީޕަލްސް އެޑިޝަންއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މި އެވޯޑު މިއަހަރު 5 ފަރާތަކަށް ދިނުމަށް ވަނީ ނިންމާފައެވެ. މިއީ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބާއްވާ 7 ވަނަ އަހަރެވެ. މިއަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބާއްވަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ގެސްޓްހައުސް އެޑިޝަންއާއި ގާލާއެވެ.
މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައިވަނީ ގެސްޓް ހައުސް އެޑިޝަން ބާއްވާފައެވެ. މިއަހަރުގެ ގެސްޓްހައުސް އެޑިޝަންއަށް 120 އަށްވުރެ ގިނަ ނޮމިނޭޝަން ވަނީ ލިބިފައެވެ. މިއަހަރުގެ ގެސްޓްހައުސް އެޑިޝަންގެ އެންމެ ކާމިޔާބު ރަށެއްގެ ގޮތުގައި ހޮވިފައިވަނީ އއ.އުކުޅަހެވެ.