ޚަބަރު

އަމީރު އަޙްމަދު މަގުގައި ގައު އެތުރުމުގެ މަސައްކަތް މިއަދު ފަށަނީ


އިސްލާމީ މަރުކަޒާ އިންވެގެން އޮންނަ އަމީރު އަޙްމަދު މަގު އެއްގަމު ދަތުރުފަތުރަށް ހުޅުވާލުމަށްޓަކައި އެމަގުގައި ގާ އެތުރުމުގެ މަސައްކަތް މިއަދު ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމީ މަރުކަޒާ އިންވެގެން އޮންނަ އަމީރު އަޙްމަދު މަގުގައި ޖަހާފައިވާ މަރބްލްތައް ނެގުމަށްފަހު މިހާރު ކުރިއަށްދަނީ މަގުގެ ފަސްގަނޑު އެއްވަރުކުރުމުގެ މަސައްކަތެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މަގުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށާއި، މިހާރު އެމަގުގައި ގާ އެތުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ. މިމަސައްކަތް ދެތިން ދުވަހުގެ ތެރޭގައި ނިންމައި މަގު ހުޅުވާލެވޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަމީރު އަޙްމަދު މަގު އެއްގަމު ދަތުރުފަތުރަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާއިރު، އިސްލާމީ މަރުކަޒާއި ރަސްރަނި ބަގީޗާއާ ދެމެދު އޮންނަ މެދުޒިޔާރާތް މަގުގެ މާރބުލް ޖަހާފައިވާބައިވެސް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަމީރު އަޙްމަދު މަގުގެ މަސައްކަތް ނިނުމާއެކު، މެދުޒިޔާރާތް މަގުގެ މަސައްކަތް ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުރީގެ ސަރުކާރުން އަމީރު އަޙްމަދު މަގާއި މެދުޒިޔާރާތް މަގުގެ ބައެއް ބަންދުކޮށްފައިވަނީ، އިސްލާމީ މަރުކަޒު މައިދާނުގެ ގޮތުގައި އެތަން ތަރައްޤީކުރުމަށެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި މާލޭ މަގުތައް ބޭނުންކުރާ މީހުންނަށް ފަސޭހަވާނެހެން މަގުތަކަށް ގެނެވެންހުރި ބަދަލުތައް ބަލައި، އެބަދަލުތައް ގެނައުމަށް ހިމަނާފައިވެއެވެ. އެގޮތުން މުދާ ލޯޑްކުރުމާއި އަންލޯޑްކުރުމަށް ޚާއްޞަ ސަރަޙައްދުތައް ކަނޑައެޅުމާއި، މަގުތަކުގައި ބޭނުންނުކޮށް ދުވަސްވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.