އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ދޮންވެލި ތުނޑިއެއް ހެދުމަށް ނިންމާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން ފަތުރުވެރިން ރާއްޖެ އަންނަ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގެ ރަށްތަކުގައި ހުންނަ އަޖައިބުކުރުވަނިވި ދޮންވެލި ތުނޑިތަކެވެ. އެތަންތަނުގެ ރީތިކަން ތަޖުރިބާކޮށްލުމަށް އެމީހުން ރާއްޖެ އަންނަކަމުގައިވިޔަސް، ބިން ތަނަވަސް އައްޑޫގައި އެފަދަ ދޮންވެލި ތުނޑިއެއް ނެތްކަން ފާހަގަކޮށްފައިވެއެވެ.
މި ދޮންވެލި ތުނޑި ހެދުމަށްޓަކައި ބަލާ ސަރަޙައްދުތަކުގެ ޑިޒައިންގެ މަސައްކަތްތަކާއި، ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު އަންގައިދޭ ރިޕޯޓު ނުވަތަ އީއައިއޭ ހެދުމުގެ މަސައްކަތާއި ޓެކްނިކަލް ސަރވޭގެ މަސައްކަތްތައް ކުރިއަށް ގެންދަން ނިންމާފައިވާކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުގެ ބަޔާނުގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުގައި ހިމެނޭ ގޮތަށް އައްޑޫގެ ފަތުރުވެރިކަން ތަރައްޤީކުރުމުގެ ތަސައްވުރު އެކުލަވާލުމުގައި އައްޑޫގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ކައުންސިލުން ވަނީ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.