ޚަބަރު

އައްޑޫ ސިޓީން އައު އަހަރަށް ހޫނު މަރުޙަބާއެއް ކިޔައިފި


މީލާދީ އައު އަހަރަށް މަރުޙަބާ ކިއުމުގެ ގޮތުން އައްޑޫސިޓީގައި "ހިއްމަލާ ފެސްޓިވަލް 2018" ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ.

މީލާދީ އައު އަހަރަށް މަރުޙަބާ ކިއުމުގެ ގޮތުން އައްޑޫ ސިޓީ ފްރެންޑްސް ޖަމިއްޔާއިން ބޭއްވި ހިއްމަލާ ފެސްޓިވަލް ބާއްވާފައިވަނީ ޑިސެމްބަރު 31 ވަނަ ދުވަހުގެ ހަވީރު 4 އިން ފެށިގެން މެންދަމު 12 ޖެހުމާހަމައަށެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައްޑޫސިޓީ ފްރެންޑްސް ޖަމިއްޔާގެ ރައީސް ޙުސެއިން ހަބީބް ވިދާޅުވީ މިފަދަ ފެސްޓިވަލެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ޗުއްޓީގައި ރަށުން ބޭރަށް ނުދެވޭ މީހުންނަށް އާއިލާއާއި އެކުވެރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޯދައިދީ އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް މަގުފަހި ކުރުމަށް ކަމަށެވެ. މި ފެސްޓިވަލުގައި އައްޑޫސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

"މިކަހަލަ ފެސްޓިވަލެއް 4 އަހަރު ފަހުން އައްޑޫގައި މިބޭއްވުނީ. މިފަދަ ފެސްޓިވަލެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ޗުއްޓީގައި ރަށުން ބޭރަށް ނުދެވޭ ފަރާތްތަކަށް އާއިލާއާއި އެކުވެރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޯދައިދީ އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް. މިކަމަށް އާއްމުންގެ ތަރުހީބު ވަރަށް ބޮޑަށްވެސް ލިބިގެން ދިޔަ." ފްރެންޑްސް ޖަމިއްޔާގެ ރައީސް ވިދާޅުވިއެވެ.

ފްރެންޑްސް ޖަމިއްޔާއިން ބުނީ މިފެސްޓިވަލްގެ ތެރޭގައި ދިވެހި ރެޑް ކްރެސްންޓުން އިސްނަގައިގެން އާއިލީ ހަވީރެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. މީގެ އިތުރުން ގަސް އިންދުމުގެ ޕްރޮގްރާމަކާއި، މޫދު ކުޅިވަރުފަދަ ހަރަކާތް ތަކެއްވެސް ކުރިއަށް ގެންގޮސްފައިވާކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން ޖޭސީއައި އައްޑޫގެ ފަރާތުން ރޭގަނޑު ކުޅިވަރުގެ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާއިރު، މަސް ރޭސް، ވާދެމުން ފަދަ ހަރަކަތްތަކެއް މި ފެސްޓިވަލްގެ ތެރެއިން ކުރިއަށް ގެންގެންގޮސްފައިވާ ވާކަމަށް ފްރެންޑްސް ޖަމިއްޔާއިން މައުލޫމާތުދެއެވެ.

2019 ވަނަ އަހަރަށް މަރުޙަބާ ކިއުމުގެ ގޮތުން ހިންގި ފެސްޓިވަލް ނިންމާލާފައިވަނީ މިޑްނައިޓް ރަންއަކާއި، އަދި ލެންޓާން އެރުމުގެ ހަރަކާތަކުންނެވެ. އައްޑޫ ފްރެންޑްސް ޖަމިއްޔާއަކީ އައްޑޫސިޓީ ރައްޔިތުންނާ ގުޅުންހުރި އެކި ޙަރަކާތްތައް ރާވައި ހިންގުމުގައި ހަރަކާތްތެރިވާ ޖަމިއްޔާއެކެވެ. އެގޮތުން މީގެ ކުރިންވެސް އެޖަމިއްޔާއިންވަނީ ގަސް އިންދުމުގެ ޙަރަކާތްތަކާއި، ޢީދު ފާހަގަ ކުރުމުގެ ހަރަކާތްތައް އައްޑޫ ސިޓީގައި ހިންގާފައެވެ.