ކުޅިވަރު

އާސެނަލާއި ސިޓީގެ ކުރީގެ މިޑްފިލްޑަރ ނަސްރީ ވެސްޓްހަމް ޔުނައިޓެޑާއި ގުޅިއްޖެ


ކުރިން އާސެނަލާއި މެންޗެސްޓާރ ސިޓީއަށް ކުޅުނު މިޑްފިލްޑަރ ސަމީރް ނަސްރީ އިނގިރޭސި ކުލަބު ވެސްޓްހަމް ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

ނަސްރީއަށް ވެސްޓްހަމުން ފުރުސަތުދިނީ އޭނާއަށް ސިޓީގައި އިރުޝާދުދިން ކޯޗު މެނުއެލް ޕެލެގްރިނީއެވެ. ޖެނުއަރީ މަހާއި ހަމައަށް ނަސްރީ ހުރީ މަނާ ބޭސް ބޭނުން ކުރުމުގެ ސަބަބުން އެއް އަހަރުގެ ސަސްޕެންޝަނެއްގައެވެ.

31 އަހަރުގެ ކުޅުންތެރިޔާ ވެސްޓްހަމް ޔުނައިޓެޑާއި ގުޅުމަށްފަހު ބުނީ އަބަދުވެސް އެންމެ ވާދަވެރި ލީގަކީ ޕްރިމިއަރ ލީގަކީ، މި ލީގުގެ ކުލަބަކަށް ކުޅެން ފުރުސަތު ލިބިއްޖެނަމަ ދޫކޮށްލާނީ މޮޔައެއް ކަމަށެވެ.

ޕްރިމިއަރ ލީގުގައި ނަސްރީ އެންމެ ފުރަތަމަ ވިދާލީ އާސެންލަގެ ޖާޒީގައެވެ. 2008ން 2011ށް އާސެނަލަށް ކުޅުމަށްފަހު ނަސްރީ ސިޓިއަށް ބަދަލުވީ 25 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއަކަށެވެ. ސިޓީއާއިއެކު ދެ ލީގު ހޯދުމަށްފަހު ގާޑިއޯލާ ކުލަބާއި ހަވާލްވި ހިސާބުން އޭނާއަށް ޓީމުން ފުރުސަތު ގެއްލުނެވެ.

އޭނާ އޭގެ ފަހުން ބަދަލްވީ ސްޕެއިންގެ ސެވިއްޔާއަށެވެ. މަނާ ބޭސް ބޭނުންކުރުމުގެ ސަބަބުން ޔުއެފާއިން ނަސްރީ ސަސްޕެންޑްކުރީ މިދިޔަ އަހަރެވެ.

ނަސްރީ ވެސްޓްހަމް ޔުނައިޓެޑާއިއެކު ސޮއިކުރީ މި ސީޒަންގެ ނިޔަލަށެވެ. މި ސީޒަނަށްފަހު ވެސްޓްހަމުން ބޭނުންނަމަ އޭނާގެ ކޮންޓްރެކްޓް އިތުރުކުރެވޭނެއެވެ.