ކުޅިވަރު

އެމްބާޕޭއާއި ނޭމާ ބެލޮންޑޯ ހޯދާނެ - ބުފޮން


ކުރިއަށްހުރި އަހަރުތަކުގައި އެމްބާޕޭއާއި ނޭމާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާނެކަމަށް ޕީއެސްޖީގެ ޖިއަންލުއިޖީ ބުފޮން ބުނެފިއެވެ.

ޔުވެންޓަސް ދޫކޮށް ޕީއެސްޖީއަށް މި ސީޒަންގައި ބަދަލްވި ތަޖުރިބާކާރު ކީޕަރު ޖިއަންލުއިޖީ ބުފޮން ބުނީ އޭނާ އަބަދުވެސް ބޭނުންވަނީ ދުނިޔޭގެ ޗެމްޕިއަނުންނާއިއެކު ކުޅެންކަމަށެވެ.

ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންނާއިއެކު ކުޅެފައިވާ ބުފޮން ބުނީ ރޮނާލްޑޯއާއިއެކު ޔުވެންޓަސްގައި ކުޅުމުގެ ފުރުސަތު ނުލިބުމުން މާޔޫސް ނުވާކަމަށާއި، ޕީއެސްޖީގައި އެމްބާޕޭއާއި ނޭމާ އެބަހުރިކަމަށެވެ. އަދި ނޭމާއަށް ބެލޮންޑޯފަދަ އެވޯޑެއް މިގެ ކުރިން ނުލިބޭތީ ހައިރާންވާކަމަށްވެސް ބުފޮން ބުންޏެވެ.

އޭނާ ބުނީ ނޭމާއާއި އެމްބާޕޭއަކީ މުސްތަގްބަލްގެ ތަރިންކަމަށެވެ. ކުރިއަށް އޮތް ދިހަ އަހަރު އެމްބާޕޭއާއި ނޭމާ ދުނިޔޭގެ ފުޓްބޯޅަ ޑޮމިނޭޓްކުރާނެކަމަށް އޭނާ ބުންޏެވެ.

ޔުވެންޓަސް ދޫކޮށް ޕީއެސްޖީއަށް ބުފޮން ބަދަލްވީ ބޮޑު މުސާރައަށްކަމަށްބުނެ ގިނަ ބަޔަކުވަނީ އޭނާއަށް ފާޑުކިޔާފައެވެ. ބުފޮން ބުނީ ޔުވެންޓަސްއާއި ގުޅުނީ ފައިސާއަށް ނޫންކަމަށާއި، އެ ކުލަބަށް ބަދަލްވީ ކީއްވެކަން ޕީއެސްޖީ ދޫކޮށްލާ ދުވަހު އެންމެ ގާތު ބުނާނެކަމަށެވެ.