ކުޅިވަރު

ކުޅުންތެރިންނަށް އަނިޔާވަތީ ކޯޗު ސަރީ ކަންބޮޑުވެފައި


އެންމެ މުހިންމު ދަނޑިވަޅުގައި ކުޅުންތެރިންނަށް އަނިޔާވުމުން ކޯޗު ސަރީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ލީގުގައި ރޭ ސައުތަމްޓަނާއި ވާދަކުރި މެޗުގައި ޗެލްސީގެ ވިލިއަންއަށްވެސްވަނީ އަނިޔާވެފައި. ވިލިއަންގެ އިތުރުން ޕެޑްރޯ، އޮލިވިއޭ ޖިރޫ އަދި ހަޑްސަން އޮޑޮއީވެސް ހުރީ އަނިޔާގައެވެ.

ކޯޗު ސަރީ ބުނީ ރޭގެ މެޗުގައި ވިލިއަން އަށް އަނިޔާވިއިރު އެޓޭކަށް ކުޅުވާނެ ކުޅުންތެރިއެއް ބެންޗުގައި ނެތްކަމަށެވެ. ދެވަނަ ހާފުގައި ޓީމުގެ އެޓޭކް ވަރުގަދަކޮށްލަން ބެލިއިރު ބެންޗުގައި އިނީ މިޑްފިލްޑަރ ފެބްރިގާސް އެކަނިކަމަށާއި، ޖެނުއަރީގައި ކުލަބުން އިތުރު ކުޅުންތެރިން ހޯދަން ޖެހޭކަމަށެވެ.

ސަރީ ބުނީ ރޭގެ މެޗުގައި ގޯލެއް ޖަހަން ހުސް ފަސް ފުރުސަތު ލިބުނުކަމަށައި، މޮޅު ނުވެވުމަކީ ޓީމް ނާޒުކު ހާލަތެއްގައި އޮއްވާ ލިބޭ އިތުރު ޕްރެޝަރެއްކަމަށެވެ. އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުގައި ޗެލްސީއަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

ކޯޗު ސަރީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ލަނޑު ނުޖެހުމަކީ އޭނާ ކަންބޮޑުވާކަމެއްކަމަށާއި، ޓީމް އޮތީ އުނދަގޫ ހާލަތެއްގައިކަމަށެވެ.

މި މެޗުން މޮޅުނުވެވި ޗެލްސީއަށްވަނީ ތިންވަނައިގައި އޮތް ސިޓީއާއި ދެމެދު އޮތް ފަރަގު ކުޑަ ކުރުމަށް ލިބުނު ފުރުސަތު ނަގާލާފައެވެ. ތާވަލްގެ ހަތަރުވަނައިގައި ޗެލްސީ އޮތީ 44 ޕޮއިންޓާއިއެކުގައެވެ.