ސިޔާސީ

ނަޝީދު ހުށަހެޅީ މައްސަލައަށް އަންނަ ހަފްތާގައި ގޮތެއް ނިންމަނީ


ހުޅުމާލޭ ކޯޓުގެ ބެންޗުގެ ސައްޙަކަން ކަނޑައަޅައިދިނުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހައިކޯޓަށް ހުށައަޅުއްވާފައިވާ މައްސަލަ އެކޯޓުގައި ކުރިޔަށް ގެންދިޔުމާ މެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެކަމަށް އެކޯޓުން ބުނެފިއެވެ.އެކޯޓުން މިހެން ބުނީ، ނަޝީދުގެ ފަރާތުން ހައިކޯޓަށް ހުށައަޅުއްވާފައިވާ މައްސަލަ އަލުން ފެށުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖްލީހުގައެވެ.ހުއްޓިފައި އޮންނަތާ ދޮޅު އަހަރު ފަހުން އަލުން މި މައްސަލަ ފަށާ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އައްބާސް ޝަރީފް ވިދާޅުވީ، މި މައްސަލާގައި ޖޭއެސްސީން ނަގާފައިވާ އިޖްރާއީ ނުކުތާއާއި މެދު އަންނަ ހަފްތާގެ ކުރީކޮޅު ގޮތެއް ނިންމަވާނެކަމަށެވެ. އަދި މައްސަލަ ކުރިޔަށް ގެންދަން ނިންމަވައިފިނަމަ އެދުވަހު މައްސަލައަށް ޖަވާބުދާރީވުމަށް ދެ ފަރާތުންވެސް ތައްޔާރުވެގެން  އައުމަށް އަންގަވާފައިވެއެވެ.ނަޝީދު ހައިކޯޓަށް މައްސަލަ ހުށައަޅުއްވާފައިވަނީ އެމަނިކުފާނު ރައީސްކަމުގައި ހުންނެވިއިރު ކްރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލަ ބެލުމަށް ހުޅުމާލޭ ކޯޓްގެ ބެންޗު،  ޖޭއެސްސީން  ކަނޑައަޅާފައިވަނީ ގާނޫނާއި ޚިލާފަށްކަމަށް ވިދާޅުވެއެވެ. އަނެއްކޮޅުން ޖޭއެސްސީން ބުނީ،  ހުޅުމާލޭ ކޯޓްގެ ބެންޗް ކަނޑައަޅާފައިވަނީ  ސުޕްރީމްކޯޓްގެ ލަފާގެ މަތިން ކަމަށް. އެހެންކަމުން އެކަމާއި މެދު ސުވާލު ނުއުފެއްދޭނެކަމަށްވެސް ޖޭއެސްސީން ބުނެއެވެ.ހުޅުމާލޭ ކޯޓްގެ ބެންޗަށް އަލުން ފަނޑިޔާރުން އައްޔަންކުރުމަށް ޖޭއެސްސީ މަސައްކަތް ކުރަމުންދާކަމަށް ބުނެ، އެކަން ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް އެދި ނަޝީދުގެ ފަރާތުން މިއަދުގެ އަޑުއެހުމުގައި  ހުށައެޅުމަށް އެދުނެވެ. އެހެންނަމަވެސް ވަކިން އެކަމަށް ހުށައެޅުމުގެ ގޮތެއް ނިންމާނެކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން ވިދާޅުވިއެވެ.އާ ބެންޗެއް އެކުލަވާލަން އުޅޭ ވާހަކަ ޖޭއެސްސީގެ ވަކީލްވަނީ ދޮގުކުރައްވާފައެވެ. އަނެއްކޮޅުން މައްސަލަ ހިނގަމުންދާއިރުވެސް ރަށުން ބޭރަށް ދަތުރުކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ނަޝީދުގެ ފަރާތުން ކޯޓުގައި އެދުމުން  ރަށުން ބޭރަށް ފުރޭނީ ކޯޓުން ވަކި ޚާއްސަ ހުއްދައެއް ނަގައިގައިގެން ކަމަށާއި އެކަމުގައި ވަކި މީހަކު ތަފާތެއް ނުކުރެވޭނެކަމަށް ފަނޑިޔާރުން ވިދާޅުވެފައިވެއެވެ.