ސިޔާސީ

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުން


ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްކުރާ
މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ފަންނީ މަސައްކަތްތައް ފަށައިގެން
ކުރިއަށްދާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެހެން
ގައުމަކާ އެކު ރާއްޖޭން ގާއިމް ކުރާ މިނިވަން ވިޔަފާރީގެ ފުރަތަމަ
އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކުރަން ނިންމީ މިދިޔަ ޑިސެމްބަރު މަހު
ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި، ރާއްޖެ-ޗައިނާ ޖޮއިންޓް ކޮމިޝަންގެ
ފުރަތަމަ ބައްދަލުވުމުގައެވެ. އެ އެއްބަސްވުމާ ގުޅޭ ފަންނީ މަސައްކަތްތައް
ކުރުމަށް އުފައްދާފައިވާ ޓެކްނިކަލް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިކޮނޮމިކް
މިނިސްޓްރީގައި އިއްޔެ ބާއްވާފައިވާއިރު މިއަދުވެސް މިކަމާ ގުޅުން ހުރި އިތުރު
ބައްދަލުވުންތައް ކުރިއަށްދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި
ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ މި ފަދަ އެއްބަސްވުމެއް ގާއިމްކުރުމަކީ
ފީސަބަލް ކަމެއްތޯ ބެލުންކަމުގައިވެސް އެމިނިސްޓްރީން މައުލޫމާތުދެއްވިއެވެ. މީގެ
އިތުރުން، ރާއްޖެ-ޗައިނާ ޖޮއިންޓް ކޮމިޝަންގެ ދެވަނަ ބައްދަލުވުން އަންނަ ޖޫން
މަހު ރާއްޖޭގައި ބާއްވަން ނިންމާފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިދިޔަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި
ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުން އުފައްދާފައިވާ މި ކޮމިޝަންގެ
މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ދާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.