ސްކޫލް ނިންމާފައިތިބި ދަރިވަރުންނަށް ކުރިއަށް ދެވޭނެ ދާއިރާތަކުގެ މަޢުލޫމާތު ޙިއްސާކުރުމަށް ކެރިއަރ ގައިޑަންސް ޕްރޮގްރާމެއް ބޭއްވުމަށް މަންދު ކޮލެޖުން ނިންމައިފިއެވެ.
އެއްދުވަހުގެ މުއްދަތަކަށް ދަރުބާރުގޭގައި ކުރިއަށް ގެންދާ މިއެކްސްޕޯ އޮންނާނީ މިއަދު މެންދުރުފަހު ދެގަޑި ތިރީހުން ރޭނގަޑު ދިހަގަޑި ސުންމިނެޓަށެވެ. މަންދު ކޮލެޖުން ބުނީ މިޕްރޮގްރާމްގެ ތެރެއިން ސްކޫލް ނިންމާފައި ތިބި ދަރިވަރުންނަށް ކުރިއަށްދާންވީ ރޮނގު ޚިޔާރުކުރުމަށް އެހީތެރިވާނެކަމަށެވެ. މި ޙަރަކާތުގެ ތެރެއިން ސިއްހީ ދާއިރާގެ މަޢުލޫމާތުތަކާއި، މަސްވެރިކަމާއި ޑައިވިންގެ މަޢުލޫމާތުތައް ޙިއްސާކުރާނެކަމަށް އެ ކޮލެޖުން ބުނެއެވެ. މީގެ އިތުރުން ފޮޓޯ ގްރަފީއާއި ޓުއަރިޒަމްގެ އިތުރުން ތަޢުލީމީ ދާއިރާގައި ހުރި ފުރުޞަތުތައްވެސް ޙިއްސާ ކުރާނެކަމަށް މަންދު ކޮލެޖުން ބުނެއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ހުޅުވާލައިގެން ބާއްވާ މި ޙަރަކާތުގައި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި އަމިއްލަ ފަރާތްތަކުން ބައިވެރިވެ އެ ދާއިރާތަކުގައި ހުރި ފުރުޞަތުތަކާއި ދާއިރާއާ ގުޅޭ، މަޢުލޫމާތު ޙިއްސާ ކުރާނެކަމަށް މަންދު ކޮލެޖުން ބުނެއެވެ. އަދި މި ހަރަކާތުގައި ދަރިވަރުންނަށް ވަރޗުއަލްކޮށް ރަށުގައި ހުރެގެންވެސް ބައިވެރިވެވޭނެކަމަށް އެ ކޮލެޖުން ބުނެއެވެ.
މަންދު ކޮލެޖުން މިއަދު ބާއްވާ މި ހަރަކާތުގައި އެކި މިނިސްޓްރީތަކުގެ މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެކަމަށް މަންދު ކޮލެޖުން ވިދާޅުވެއެވެ.