ދިރާސީ އައު އަހަރުގެ ކިޔެވުން ހަތްދިހަ ތިން ހާސް ތިރީސް ފަސް ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ. މި އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވާއިރު މިއަހަރުވެސް ތަޢުލީމީ ދާއިރާގައި ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ދިރާސީ އައު އަހަރަށްޓަކައި ދަރިވަރުންނާއި، މުދައްރިސުންނަށް ސްކޫލްތަކުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައިއެވެ. ރާއްޖޭގެ 213 ސްކޫލެއްގައި މިއަދު ކިޔެވުން ފަށާފައިވާއިރު، ދިރާސީ އާ އަހަރަށް ދަރިވަރުންނާއި، ޓީޗަރުން ކުރިމަތިލީ އާ އުއްމީދުތަކާއި، ލަނޑުދަނޑިތަކަކާއެކުއެވެ. ދަރިވަރުންނަށާއި، ޓީޗަރުންނަށްޓަކައި ސްކޫލްތައް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. އަދި އައު އަހަރަށް މަރުޙަބާކިޔުމުގެ ކަންކަންވެސް ސްކޫލްތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއަހަރުގެ ދިރާސީ އާ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި އެލްކެޖީން ފެށިގެން ގްރޭޑް 12 އަށް ޖުމުލަ 73،035 ދަރިވަރުން ތަޢުލީމް ހާސިލް ކުރަމުންދާނެއެވެ. މިއަހަރު ސްކޫލްތަކުގައި ކިޔަވާ ދެއްވާ މުދައްރިސުންގެ ޢަދަދަކީ 9800 އެވެ. މީގެތެރެއިން ދިވެހި މުދައްރިސުންގެ އަދަދަކީ 7900 އެވެ. ބިދޭސީ ޓީޗަރުންގެ ގޮތުގައި 1900 މުދައްރިސުން ރާއްޖޭގެ ސްކޫލްތަކުގެ މި އަހަރު ކިޔަވާދޭނެއެވެ.
މިއަހަރު ރާއްޖޭގެ 213 ސްކޫލެއްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު 185 ސްކޫލެއްގައި އޯލެވްލް ފެންވަރަށް ކިޔަވާދޭނެއެވެ. އަދި އޭލެވްލަށް 50 ސްކޫލެއްގައި ކިޔަވާދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގައި މިހާތަނަށް ޢިމާރާތްކުރި އެންމެ ބޮޑު ސްކޫލް ހުރަވީ ސްކޫލްގެ ކިޔެވުންވެސް ދިރާސީ އައު އަހަރާއެކު މިއަދު ވަނީ ފަށާފައެވެ. އަދި ޕްރީ ސްކޫލް ފެންވަރަށް 317 ސްކޫލެއްގައި މި އަހަރު ކިޔަވައިދޭނެއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާއިރު މާލޭގެ ޕްރީ ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވާއިރު މިއަދު ވަނީ 25 ސްކޫލެއްގައި ހެނދުނުގެ ނާސްތާގެ ޕައިލެޓް ޕްރޮޖެކްޓް ފަށާފައެވެ.
މިއަހަރުގައި ޖުމްލަ 200 ދުވަހު ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ސެމިސްޓަރ ނުވަތަ ފުރަތަމް ޓާރމް ނިމި ކިޔެވުން ބަންދުވާނީ މެއި މަހުގެ 30 ވަނަދުވަހުއެވެ. އަދި ދެވަނަ ޓާރމްގެ ކިޔެވުން ފެށޭނީ ޖޫން މަހުގެ 9 ވަނަދުވަހުއެވެ. އަދި މިއަހަރުގެ ދީރާސީ އަހަރު ނިންމާލުމަށްފަހު ސްކޫލްތައް ބަންދުވާނީ ނޮވެމްބަރު މަހުގެ 24 ވަނަދުވަހުއެވެ. 2020 ވަނަ އަހަރު ދިރާސީ އައު އަހަރު ފެށޭނީ 12 ޖަނަވަރީގައެވެ.
ދިރާސީ އައު އަހަރަށް ދަރިވަރުން ކުރިމަތިލާއިރު، ކިޔެވުމަށް ބޭނުންވާ ހުރިހާކަމެއް ހަމަޖެއްސުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ދުރާލާ ވަނީ ކުރަން ފަށާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ޖާގަ އިތުރުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މީގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހޯދުމުގެ މަސައްކަތްވެސް އެ މިނިސްޓްރީން ވަނީ ދުރާލާ ފަށާފައެވެ. މުދައްރިސުން ހޯދުމުގައިވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދިވެހި މުދައްރިސުންނަށެވެ.
ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ޓެކްސްޓް ފޮތްތަކާއި އެކްޓިވިޓީ ޔުނީފޯމް ނިލުބުމުގެ ޝަކުވާތައް ބެލެނިވެރިން ކޮށްފައިވާއިރު މިއަދު ދަރިވަރުންނަށް ބޭނުންވާ ޓެކްސް ފޮތްތަކާއި އެކްޓިވިޓީ ޔުނީފޯމްތައް މިއަދު ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނސްޓްރީން ވަނީ ވިދާޅުވެފައެވެ.