ސިޔާސީ

ނަޝީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަ ނުބެލޭނެ ކަމަށް ނިންމައިފި


ޖުޑީޝަލް ސާރވިސް ކޮމިޝަނުން ހުޅުމާލޭ ކޯޓް ބެންޗް ކަނޑައަޅާފައިވަނީ ގާނޫނާއި ހިލާފަށްކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދް ހުށައެޅުއްވި މައްސަލަ ކުރިޔަށް ގެންދެވެން ނެތްކަމަށް ހައިކޯޓުން  ނިންމައިފި. 

މިމައްސަލައަކީ ކްރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު އެކަހެރިކޮށް ބަންދުކުރުމާއި ގުޅިގެން މުހައްމަދު ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރޖެނެރަލް ދައުވާކުރާ މައްސަލަ ބަލާ ބެންޗް ސައްހަ ނޫންކަމަށް ކަނޑައަޅައިދިނުމަށް ނަޝީދުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ނުބެލޭނެކަމަށް ހައިކޯޓުން ނިންމީ  ޖޭއެސްސީން ނެގި އިޖްރާއީ ނުކުތާއާއި ގުޅިގެންނެވެ. ޖޭއެސްސީން ބުނެފައިވަނީ ހުޅުމާލޭ ކޯޓް ބެންޗް ކަނޑައެޅީ ސުޕްރީމްކޯޓްގެ ލަފާގެ މަތިންކަމަށެވެ. އެހެންކަމުން އެކަމާއި މެދު އެއްވެސް ސުވާލެއް ނުއުފެއްދޭނެކަމަށެވެ.

މަތީ މަރްހަލާގެ ކޯޓްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރާނެ ގަވައިދުގެ ދަށުން ނަޝީދު ހުށައެޅުއްވި މައްސަލާގައި ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ މަތީ ކޯޓްތަކަށް ބެލެނިވެރިކަމުގެ އިހްތިސާސް ލިބެނީ އެއަށް ވުރެ ދަށުގެ މަރްހަލާ ކޯޓްތަކުން ނިންމާ ނިންމުތަކުގެ މައްޗަށްކަމަށެވެ. އަދި ދަށު ކޯޓްތައް ފިޔަވައި ދައުލަތުގެ އެހެން މުއައްސަސާއެއްގެ މައްޗަށް އެ ގައިވައިދުގެ ދަށުން ފިޔަވަޅު ނޭޅޭއިރު ނަޝީދްގެ ފަރާތުން މައްސަލަ ހުށައަޅާފައިވަނީ  ޖުޑީޝަލް ސާރވިސްއާއި ދެކޮޅަށްކަމަށްވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ.

ނަޝީދްގެ ފަރާތްޕުޅުން ދެހާސް ތޭރަވަނަ އަހަރުގެ މާރޗް މަހުގެ އެއްތިރީސްވަނަ ދުވަހު ހައިކޯޓަށް ހުށައެޅި މައްސަލަގައި ހައިކޯޓުން ހުކުމްއެއް އިއްވާފައި މިވަނީ އެ މައްސަލަ މެދުކެނޑިފައި އޮންނަތާ  ދޮޅު އަހަރެއްހާ ދުވަސްފަހުންނެވެ.

މިމައްސަލަ އެކޯޓްގައި ހިގަމުންދާތީ ހުޅުމާލޭ ކޯޓްގައި ހިގަމުންދާ މައްސަލަ ވަގުތީ ގޮތުން ހުއްޓާލުމަށް މީގެ ކުރިން ހައިކޯޓުން އަމުރެއް ނެރެފައިވޭ. އެހެންމަވެސް ހައިކޯޓްގެ މިއަދުގެ ހުކުމާއި އެކު އެ އަމުރުވަނީ ނިމުމަކަށް އައިސްފައެވެ.

މައްސަލައަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ނަޝީދް ވިދާޅުވީ އިންސާފްވެރި ޝަރީއަތެއް ލިބިދާނެކަމަށް ގަބޫލްނުކުރައްވާކަމަށެވެ. ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރޖެނެރަލް ދައުވާ  އުފުލާފައިވަނީ ކުށެއް ނުކުރާ މީހަކު ގަސްދުގައި ހިފާ ހައްޔަރުކުރުމުގެ ކުށުގެ ދައުވާއެވެ.

ނަޝީދު ހުށައެޅުއްވި މައްސަލަ ހައިކޯޓުން ނުބެލޭނެކަމަށް ނިންމުން އެ މައްސަލަ އިސްތިއުނާފްކުރުމުގެ ބަދަލުގައި އާ މައްސަލައެއްގެ ގޮތުގައި ނަޝީދްގެ ގާނޫނީ ޓީމުން މިއަދު ވަނީ  ސިވިލްކޯޓަށް  ހުށައަޅާފައެވެ.