ސިޔާސީ

ހުޅުމާލޭ ކޯޓްގެ ބެންޗް އަލުން އެކުލަވާލަނީ


ކްރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު އެކަހެރިކޮށް ބަންދުކުރި މައްސަލަ ބެލުމަށް އެކުލަވާލި ބެންޗް އުވިފައިވާތީ އެ ބެންޗް އަލުން އެކުލަވާލުމާއި ގުޅޭގޮތުން ފަނޑިޔާރުންގެ މަޖްލީހުގައި މަޝްވަރާކުރަމުންދާކަމަށް ހުޅުމާލޭ ކޯޓުން ބުނެފިއެވެ.އެކޯޓުން ބުނީ  އެކޯޓަށް ހުށައެޅިފައިވާ މައްސަލަ ކުރިޔަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާނެކަމަށެވެ. އަދި އެކަންކަމާއި ގުޅޭގޮތުން ފަނޑިޔާރުންގެ މަޖްލީހުގައި މަޝްވަރާކުރަމުންދާކަމަށްވެސް ހުޅުމާލޭ ކޯޓުން ބުނެއެވެ.ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު އެކަހެރިކޮށް ބަންދުކުރި މައްސަލަ ބެލުމަށް އެކުލަވާލި ހުޅުމާލޭ ކޯޓްގެ ބެންޗް އުވިފައިވަނީ އެކޯޓްގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ސުޖާއު އުސްމާން ކްރިމިނަލްކޯޓަށް އަދި ހުސެއިން މަޒީދް ސިވިލްކޯޓަށް ބަދަލްކުރުމުންނެވެ. އިސްގާޒީ އަބްދުﷲ މުހައްމަދު އެކަހެރިކޮށް ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމްގެ އިތުރުން އޭރުގެ ޗީފް އޮފް ޑިފެންސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރ މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުލަތުން ދައުވާއުފުލާފައިވެއެވެ.މީގެއިތުރުން ނަޝީދް ސަރުކާރުގައި އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކޮމާންޑަރުކަން ކުރެއްވި މިހާރުގެ ރައްޔިތުން މަޖްލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީއާއި އޭރުގެ ޑިފެންސް އޮޕަރޭޝަން ޑިރެކްޓަރ ކާނަލް އަހްމަދު ޒިޔާދްގެ މައްޗަށްވެސް ދައުލަތުން ދައުވާކޮށްފައިވެއެވެ.މި ހުރިހާ ބޭފުޅުންގެ މައްޗަށްވެސް އުފުލާފައިވަނީ ކުށެއް ނުކުރާ މީހާކު ގާނޫނާއި ހިލާފަށް ހިފާ ހައްޔަރުކުރުމުގެ ކުށުގެ ދައުވާ. މި ދައުވާއަށް މި ފަސްބޭފުޅުންވެސް ވަނީ އިންކާރްކުރައްވާފައެވެ.