ސިޔާސީ

ގާނޫނު އަސާސީއާ ހިލާފަށް ރައީސް ކުރެއްވި ކަމެއް ދެއްކިފައެއް ނުވޭ


ގާނޫނު އަސާސީ ހިމާޔަތްކުރަން ބަޔަކު ނިކުންނަން ޖެހޭ ވަރުގެ އެއްވެސް ކަމެއް މިހާތަނަށް ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައި ނުވާކަމަށް ޕީޕީއެމް ގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ބައިނަލްއަޤުވާމީ ތިމާވެށީގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ރޭ މާލެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މައުމޫނު ވިދާޅުވީ މިހާތަނަށް ގާނޫނު ތަކަށް ގެނެވިފައިވާ ބަދަލުތައްވެސް ގެނެވިފައިވަނީ ގާނޫނު އަސާސީއާއި އެއްގޮތައް ކަމުގައެވެ. އަދި އިދިކޮޅު ފަރާތްތަކުން އެ ބުނާ ގާނޫނު އަސާސީ އާއި ޚިލާފަށް ކޮށްފައިވާކަމެއް މިހާތަނަށް ދެއްކިފައި ނުވާކަމަށްވެސް މައުމޫން ވިދާޅުވިއެވެ.މީގެ އިތުރުން ސަރުކާރުގެ ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވެފައިވާތީ ސަރުކާރުގެ ސައްހަކަން ގެއްލިފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވާ މައުމޫން ވިދާޅުވީ، ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެއް ޕާޓީ ވަކިވިޔަސް ސައްހަކަން ގެއްލޭނެކަމަށް ގަބޫލު ނުކުރާކަމަށާ އެހެން ޕާޓީތަކުން ކާމިޔާބުކަމާއެކީ ސަރުކާރު ދަމަހައްޓާނެކަމުގައެވެ.