ސިޔާސީ

ސިޔާސީ ފަރާތްތައް ހައްޔަރުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް-


ސިޔާސީ ފަރާތްތައް ހައްޔަރުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ އިންޑިއާގެ ނޫހެއްކަމަށްވާ އިންޑިއާ ޓުޑޭ އަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، ސަރުކާރުން އެއްވެސް ސިޔާސީ ފަރާތެއް ހައްޔަރުކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށެވެ.ހަމަ މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުން ސިޔާސީ ފަރާތްތައް ހައްޔަރުކުރަން އުޅޭކަމަށާއި، އެފަދަ ހާލަތެއްގައި އިންޑިޔާގެ ހިމާޔަތަށް އެދިވަޑައިގަންނަވާނެކަމަށެވެ.ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދުދެއްވަމުން މުއާޒް ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި، ނައިބު ރައީސް މުހައްމަދު ޖަމީލު ހައްޔަރުކޮށްފައި ވީނަމަވެސް، މިސަރުކާރުން ސިޔާސީ އެއްވެސް ފަރާތެއް ހައްޔަރު ނުކުރާނޭކަމަށެވެ. އަދި އޭގެ ބަދަލުގައި ސަރުކާރުން މަސައްކަތްކުރަނީ ޤައުމަށް އަމާންކަން ގެނެސް، އިގްތިސާދީ އަދި އުމްރާނީ ބޮޑެތި ޕްރޮޖެކްޓްތައް ފަށައިގެން ކުރިއަށް ދިއުމަށްކަމަށް މުއާޒް ވިދާޅުވިއެވެ.މުއާޒް ވިދާޅުވީ ޝަރުއީ ކޯޓަކުން ހިންގާ ޝަރީއަތަކީ ސަރުކާރުގެ ނުފޫޒު ފޯރާ ކަންކަން ނޫންކަމަށާއި، އަދި ޖުޑީޝަރީގެ އެއްވެސް ކަމަކީ ސަރުކާރުގެ ބާރު ފޯރާ ކަންކަން ނޫންކަމަށެވެ. އަދި ރައީސް ނަޝީދުގެ ޝަރީއަތް ކޯޓަށް ހުށަހެޅިގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައިކަން މުއާޒް ފާހަގަކުރެއްވިއެވެ.މުއާޒް ވިދާޅުވީ އާއްމު ރައްޔިތަކު ކަމުގައިވިޔަސް، ސިޔާސީ ފަރާތަކަށް ވިޔަސް ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވާނޭކަމަށާއި އެކަމާއި މެދު ސަރުކާރުން ކުރާނެކަމެއްވެސް ނޯންނާނޭކަމަށެވެ.