ވިޔަފާރި

ފަތުރުވެރިކަން މިހާ ހިސާބަށް ގެނެސްދިނުމުގެ އާރުކާޓީންނަކީ މަޓީ


ރާއްޖޭގެ ފަތުރުވެރިކަން މިއަދު މިހާ ހިސާބަށް ގެނެސްދިނުމުގެ އާރުކާޓީންނަކީ މަޓީ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު ވިދާޅުއްޖެއެވެ.
މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ ރާއްޖޭގެ ރިސޯޓްތައް ތަމްސީލްކުރާ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ 29 ވަނަ އަހަރީ އާންމު ޖަލްސާ ފައްޓަވައިދެއްވާ ވާހަކަދައްކަވަމުންނެވެ.
ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި މަޓީގެ އަހަރީ އާއްމު ޖަލްސާގައި އެ އެސޯސިއޭޝަނުގެ ގިނަ މެމްބަރުންވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި މަދު ވިޔަފާރިވެރިންގެ މަސައްކަތާއިއެކު 1982 ވަނަ އަހަރު ވުޖޫދަށް ގެނައި ޖަމިއްޔާއެކެވެ.

މަޓީގެ އަހަރީ އާއްމު ޖަލްސާގެ ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި މަޓީއިން އަދާކުރަނީ ވަރަށް މުހިއްމު ދައުރެއްކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން މިއަދު ހިސާބަށް ގެނެސްދިނުމުގެ އާރުކާޓީންނަކީ މަޓީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"
މި ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން އެހެން ހިސާބަކަށް ގެންދިޔުމުގައި އެންމެ ބޮޑަށް ޑިޕެންޑްވާނޭ އާރުކާޓީއަކީ މަޓީ. އެހެންވީމަ މަޓީގެ މެމްބަރުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ ސަރުކާރުން މަސައްކަތްކުރާނީ ތިބޭފުޅުންނާއު އެކުގައިކަން.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރާއްޖެ އެކި މަންޒިލްތަކުގެ ގޮތުގައި ތަރައްޤީވެ، ބައިނަލްއަޤްވާމީ މައިދާނުގައި މަޝްހޫރުތަނެއްގެ ގޮތުގައި ހެދުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތަކަށް ބޭނުންވާ ކަންތައްތަކާއި، ޤާނޫނާ ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ
.
މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރާ މަސައްކަތް ތިން ގުނަ އަށް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އެ މަސައްކަތް ކުރުމަށް ނިންމާފައިވަނީވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންމެ އަހަރަކު ވެސް މަޓީން ކުރިއަށްގެންދާ އަހަރީ އާންމު ޖަލްސާއަކީ އެޖަމިއްޔާގެ ކުރިއަށް އޮތް ދައުރުގެ ބޯޑު މެމްބަރުން އިންތިޚާބުކުރުމާއި އެޖަމިއްޔާގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މެމްބަރުންނާއި މަޝްވަރާކޮށް މަޢުލޫމާތު ހިއްސާކުރުމަށް ބާއްވާ ޖަލްސާއެކެވެ.
ފާއިތުވި އަހަރުތަކުގައި މަޓީގެ ހިއްސާއާއިއެކު ރިސޯޓުތައް ތަރައްޤީވެ ވިޔަފާރި ފުޅާކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.