ރިޕޯޓް

ބ.އަތޮޅު ހޮސްޕިޓަލް ތަރައްޤީ ކުރާނީ ޕްރައިވެޓް ރޫމްތަކާއެކު އިތުރު ޚިދުމަތްތައް ލިބޭނެހެން- މިނިސްޓަރ އަމީން


ބ.އޭދަފުށީގައި ހުންނަ ބ.އަތޮޅު ހޮސްޕިޓަލް މިއަހަރު ތަރައްޤީ ކުރާއިރު ޕްރައިވެޓް ރޫމްތަކާއި ލެބޯޓްރީއާއެކު އިތުރު ވަސީލަތްތައް ޤާއިމް ކުރެވިގެންދާނެކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރ މިހެން ވިދާޅުވީ، ބ.އޭދަފުށީގައި، ބ.އަތޮޅަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަދިރިއާއި ބަލި ފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމަށް ހިންގުނު ތަމްރީން ޕްރޮގްރާމް ނިންމުމަށް އިއްޔެ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބ.އަތޮޅަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރާފައިވާ އަތޮޅެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ބ.އަތޮޅު ހޮސްޕިޓަލަށް ދެއްކުމަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމްތަކާއި އިތުރު ވަސީލަތްތައް ޤާއިމްކުރުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށެވެ. އަދި މިކަން ކުރުމަށް ފައިސާގެ ދަތިކަން ހުރިނަމަވެސް މިކަމަކީ އޭގެ ފައިދާ ބ.އަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އިތުރުން އޭދަފުއްޓާއި މުޅި ބ.އަތޮޅުގެ ރައްޔިތުންނަށްވެސް ކުރާނެ ކަމެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"މުޅި ރާއްޖޭގެ ސިއްޙީ ޚިދުމަތަށް ބ.އަތޮޅު ހޮސްޕިޓަލަކީ ނަމޫނާ ހޮސްޕިޓަލެއް، އަތޮޅުގަހުރި ސިއްހީ މަރުކަޒުތާ ގުޅިގެން އަދި އެހެން އިދާރާތަކާވެސް ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރާ ހޮސްޕިޓަލެއް، ސަރުކާރުންވެސް މި އަތޮޅުގެ ސިއްހީ ދާއިރާ ފުޅާ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެން. އެގޮތުން ބއަތޮޅު ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމްތަކެއް މިއަހަރު އެޅޭނެ. ބ.އަތޮޅު ހޮސްޕިޓަލް އިތުރައް ތަރައްޤީ ކުރުމުގެ މަސައްކަތް މިއަހަރުތެރޭގައި ކުރެވޭނެ. މިކަން ކަން ނިމުމުން މި ސަރަހައްދައް ޒިޔާރަތްކުރާ ފަތުރު ވެރިންނަށް ވަރަށް ބޮޑު ފައިދާއެއްކުރާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ބ.އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙްމަދު ވަޙީދު ވިދާޅުވީ، ޕްރައިވެޓް ރޫމްތަކެއް ނެތުމުގެ ޝަކުވާއަކީ މެދުކެނޑުމެއްނެތި އެ ހޮސްޕިޓަލަށް ލިބޭ ޝަކުވާއެއްކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ސަރުކާރާއި، ބ.އަތޮޅުގެ ރިސޯޓްތާކާއި އެކި ފަހަރުމަތިން ބައްދަލުކޮށް އެކަން ޙިއްސާކޮށްފައިވާނެކަމަށްވެސް އަޙްމަދު ވަޙީދު ވިދާޅުވިއެވެ.

ބ.އަތޮޅުގެ ރިސޯޓްތަކުން ޑޮކްޓަރަށް ދައްކާ ފަތުރުވެރިންނާއި އެޑްމިޓްކުރާ ފަތުރުވެރިންގެ އެންމެ ބޮޑު ޝަކުވާއަކީވެސް މިފަދަ ޚިދުމަތްތައް ނެތުންކަމަށް އެ ހޮސްޕިޓަކުން ބުނެއެވެ.