ވިޔަފާރި

ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި ގުޅޭގޮތުން ތުލުސްދޫގެ ގެސްޓްހައުސްތަކަށް މައުލޫމާތު ދީފި


ގެސްޓް ހައުސްތަކުގައި ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި ގުޅޭގޮތުން ކ. ތުލުސްދޫގެ ގެސްޓް ހައުސްތަކުގެ ވެރިންނާއި މުވައްޒަފުންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް މޯލްޑިވްސް ޕޮލިސް ސަރވިސުން ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމުގައި އެތަންތަނަށް ޒިޔާރަތްކޮށް ކުއްލި ޙާލަތެއް ނުވަތަ ހާދިސާއެއް ދިމާވެއްޖެނަމަ ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި އަމަލުކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން އަގުބޮޑު ތަކެތި ރައްކާކުރުމާއި ގެސްޓް ހައުސްތަކުގައި ސީސީޓީވީ ހަރުކޮށް، ސެކިއުރިޓީ ބެލެހެއްޓުމަށް މީހުން ބޭއްތިބުމާއި ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ގެސްޓް ހައުސްތަކުގެ ވެރިންނާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން އެރަށުގައި ފެރީގެ ހިދުމަތްދޭ ފަރާތްތަކަށްވެސް ވަނީ މައުލޫމާތު ދީފައެވެ.

މިމަހުގެ ވިހި ވަނަދުވަހުން އެކާވީސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގުރާމަކީ ކ.ތުލުސްދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ތުލުސްދޫ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގުރާމެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން ކ. އަތޮޅުގެ ހުރިހާ ރަށެއްގައި މި ޕްރޮގުރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ކ. އަތޮޅަކީ ލޯކަލް ޓުއަރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ އެއް އަތޮޅެވެ.