ވިޔަފާރި

ގަން އެއަރޕޯޓުން ޓޫރިސްޓުންނަށް ޚިދުމަތް ދިނުމުގައި ހުރި ދަތިތައް ހައްލުކުރުމުގެ މަސައްކަތް ފަށައިފި


ގަން އެއަރޕޯޓުން ޓޫރިސްޓުންނަށް ޚިދުމަތް ދިނުމުގައި މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށް ޓޫރިޒަމް މިނިސްޓަރު، އިމިގްރޭޝަނުގެ ކޮންޓްރޯލަރ އާއި ބައްދަލުކުރައްވައިފިއެވެ.
ސްރީލަންކަން އެއަރލައިނުން އައްޑޫ ސިޓީ ގަމަށް ކުރަމުން އަންނަ ދަތުރުތައް ހުއްޓާލުމާއި ގުޅޭ ވާހަކަތައް ދެކެވިފައިވާ ދަނޑިވަޅުގައި ބޭއްވި، މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިނުގެ އިތުރުން ސްރީލަންކަން އެއަރލައިނުގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރުވެސް ބައިވެރިވިއެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީ އަދި އިމިގްރޭޝަނުން އެއްޗެއް ހާމަކޮށްފައި ނުވިނަމަވެސް، ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ސްރީލަންކަން އެއަރލައިނުގެ ރާއްޖޭގެ ޖެނެރަލް ސެލްސް އޭޖެންޓު، އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރާގް ވިދާޅުވީ، މިއަދު ބޭއްވި ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއްކަމަށެވެ.
މިގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ޓޫރިސްޓުންނަށް ޚިދުމަތްދިނުމުގައި މިހާރު ހުރި މައްސަލަތައް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ހައްލުކޮށްދޭނޭކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވާކަމަށް ފިރާގް ވިދާޅުވިއެވެ.

ސްރީލަންކަން އެއަރލައިނުން ގަމަށް ކުރާ ދަތުރުތައް މެދުކަނޑާލުމާ ގުޅޭ ވާހަކަ ދެކެވުނު ނަމަވެސް މިހާރު ދަތުރުތައް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް ފިރާގް ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅޭގޮތުން މީގެ ކުރިން ފިރާގު ވިދާޅުވީ، ސްރީލަންކަން އެއަރލައިނުން ގަމަށް ކުރާ ދަތުރުތައް ހުއްޓާލުމުގެ ވާހަކަތައް ދެކެވުނީ ގަން އެއަރޕޯޓުން ލިބެންޖެހޭ ބައެއް ޙިދުމަތްތައް ނުލިބޭތީއެވެ. މައިގަނޑު ގޮތެއްގައި އެންމެބޮޑު މައްސަލައަކީ އިމިގްރޭޝަނުގެ މައްސަލައެވެ.

އެގޮތުން ދެ އަހަރުވީއިރުވެސް އިމިގްރޭޝަން އާ ގުޅުން ހުރި ބައެއް ކަންތައްތައް ހައްލުވެފައިނުވުމުގެ އިތުރަށް ސްރީލަންކަން އެއަރލައިންސްއަށް ދިމާވެފައިވާ މާލީ ގެއްލުމަކީވެސް މި ދަތުރުތައް ހުއްޓާލުމަށް ނިންމި ސަބަބެކެވެ.

ފިރާގް ވިދާޅުވީ، މި މައްސަލަތައް ސިވިލް އޭވިއޭޝަން މިނިސްޓްރީއާ ހަމަޔަށް ދިއުމުން ސްރީލަންކަން އެއަރލައިނާއިއެކު މިކަމާ ގުޅޭ މަޝްވަރާކޮށް އެ އެއަރލައިނަށް ދިމާވެފައިވާ ދަތިތަކަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށެވެ.
ސްރީލަންކަން އެއަރލައިނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސިވިލް އޭވިއޭޝަނުން ވަރަށް ބޮޑު އެއްބާރުލުމެއްދޭ ކަމަށާއި، ވަގުތުން ވަގުތަށް ހައްލުކުރެވޭނެ ބައެއް މައްސަލަތައް ހައްލު ކުރުމަށްވެސް މިނިސްޓްރީގެ އެއްބާރުލުން ލިބެމުންދާކަމަށް ފިރާޤު ވިދާޅުވެފައިވެއެވެ.

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ސްރީލަންގެ ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ، 2016ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭގެ ފަހުން އެ އެއަރލައިނުން ދަނީ ސްރީލަންކާއިން ގަމަށް ހަފްތާއަކު 3 ދަތުރު ކުރަމުންނެވެ.