ރާއްޖޭގައި އެއްވެސް ބާވަތެއްގެ ތަޢުލީމީ ފެއަރއެއް ބޭއްވޭނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ހުއްދައާއެކުކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިކަން އަންގާ އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާންނެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ މަތީ ތަޢުލީމު ދޭ ތަންތަނާއި ވަކި ޤާނޫނަކުން އެ ބޭނުމަށް އުފައްދާފައިވާ ތަންތަން ފިޔަވައި އެހެން ތަނަކުން މަތީ ތަޢުލީމުގެ ކޯސްތައް އިޝްތިހާރުކޮށް މަޢުލޫމާތު ދިނުމަށާއި، ދަރިވަރުން ހޯދުމަށް ފެއަރ ފަދަ ޙަރަކާތްތައް ހިންގަން ވާނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ހޯދައިގެންކަމަށެވެ.
އެ މިނިސްޓްރީން ވިދާޅުވީ، މިދިޔަ އަހަރު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުންވެސް އެކަން އަންގާފައިވާނެ ކަމަށާ، އެ އެންގުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އަދި ބަދަލުކޮށްފައި ނުވާ ކަމަށެވެ.
މިނިސްޓްރީން ވިދާޅުވީ ފެއަރތައް ބޭއްވުމަށް ހުއްދަ ހޯދުމަށް އަންގާފައިވަނީ މަތީ ތަޢުލީމުގެ އެކިއެކި ކޯސްތަކުގައި ބައިވެރިވާން އެކި ތަންތަނަށް ދަރިވަރުން ފޮނުވުމަށާއި ގެންދިއުމަށް އިޝްތިހާރު ކުރެވޭއިރު، އެ އިޝްތިހާރުކުރެވޭ ތަންތަނާއި ކޯސްތަކަކީ ސަރުކާރު ޤަބޫލުކުރާ މަރުކަޒަކުން ހިންގާ ކޯސްތަކަކަށް ހެދުމަށްކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ ކޯސްތަކެއް ކަން ކަށަވަރުކުރުމަށާއި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެއްވެސް ފެންވަރަކަށް ނުފެތޭ، ފެންވަރު ރަނގަޅު ނޫން، ސެޓްފިކެޓްތައް ހޯދުމަށް ޚަރަދުކުރެވުމުގެ ސަބަބުން ދަރިވަރުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ އިތުރުން އެ އިޢުލާންގައި ވިދާޅުވެފައިވަނީ .ސިއްޙީ ދާއިރާއާއި އޭވިއޭޝަން ދާއިރާ ފަދަ ވަކި ލައިސަންސެއް ލިބިގެން މަސައްކަތް ކުރެވޭ ދާއިރާތަކުގެ ކޯސްތައް އިޝްތިހާރު ކުރާނަމަ އެ ދާއިރާތަކާ ގުޅޭ ދައުލަތުގެ މުއައްސަސާތަކުން އެ ކޯސްތައް ޤަބޫލުކުރާކަން ޔަގީންކުރަން ޖެހޭނެކަމަށެވެ.
އެޑިޔުކޭޝަން ފެއަރއެއް ފަދަ ތަނަކުން ދަރިވަރުން މަޢުލޫމާތު ހޯދާއިރު، އެ ޙަރަކާތެއް ބޭއްވުމަށް ހުއްދަ ލިބިފައިވޭތޯ ބަލައި، އެ ފަދަ ތަނަކުން އިޝްތިހާރު ކުރާ ކޯހެއްގައި ބައިވެރިވާ ނަމަ، އެ ކޯހުގެ ސަނަދު ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭތޯ އާއި އެ ދާއިރާއެއްގެ ލައިސަންސް ދޫކުރާ އިދާރާއަކުން ޤަބޫލުކުރޭތޯ ބެލުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.