ކުޅިވަރު

ރެކޯޑް އައު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް - ޝިފާޒް


ކެންޔާގައި މިދިޔަ ދެ މަސްދުވަހު ކުރި ތަމްރީންތަކާއިއެކު ޤައުމީ މެރެތަން ރެކޯޑު ހަތަރުވަނަ ފަހަރަށް އައު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތްކަމަށް ދުވުންތެރިޔާ ޝިފާޒު މުޙައްމަދު ބުނެފިއެވެ.

ޝިފާޒްވަނީ އިއްޔެ ދުބާއީ މެރެތަންގައި ދުވެ ޤައުމީ ރެކޯޑު 2 މިނެޓު 24 ސިކުންތުގެ ކުރިއެރުމަކާއިއެކު އައުކޮށްފައެވެ. 2 ގަޑިއިރާއި 32 މިނެޓު 56 ސިކުންތުން ރޭސް ނިންމައި ޝިފާޒްވަނީ 30 އަހަރުން ދަށުގެ ކެޓަގަރީން އެއްވަނަ ހޯދާފައެވެ. މިއީ މިދިޔަ ދެ އަހަރުގެ ތެރޭގައި ޝިފާޒް މެރެތަންގެ ޤައުމީ ރެކޯޑު އައު ކުރި ހަތަރުވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ މެރެތަން ޤައުމީ ރެކޯޑު މުގުރާލީ 2017ވަނަ އަހަރު ކަތަމަންޑޫ މެރެތަންގައި ދުވެގެންނެވެ.

ދުބާއީގައި ހުރެ ޕީއެސްއެމް ސްޕޯޓްސްއަށްދިން އިންޓަވިއުގައި ޝިފާޒު ބުނީ ކެންޔާ ތަމްރީންތަކުގެ ސަބަބުން ބޮޑު ކުރިއެރުންތަކެއް ލިބިއްޖެކަމަށެވެ. ދުބާއީ މެރެތަންއާއި ކުރިމަތިލިއިރުވެސް ރެކޯޑު އައު ކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށާއި، އެކަމަކު އުއްމީދުކުރީ ފަސް މިނެޓުގެ ކުރިއެރުމަކާއިއެކު ރެކޯޑު އައުކުރަންކަމަށެވެ.
އޭނާ ބުނީ އެވަރުގެ ކުރިއެރުމެއް ޓައިމިންގައި ނުހޯދުނީ މޫސުމުގެ ސަބަބުންކަމަށާއި، ކެންޔާގެ ފިނީގައި ތަމްރީންވުމަށްފަހު ދުބާއީގެ ހޫނުގައި ދުވަން އުނދަގޫތަކެއް ދިމާވީކަމަށެވެ. ޝިފާޒް ބުނީ މި ކާމިޔާބާއިއެކު މިއަހަރަށް ކުރެވޭ އުއްމީދުތައް ބޮޑުކަމަށާއި، ކުރިއަށް ހުރި ގޭމްސްތަކާއި މުބާރާތްތަކުގައި މެޑަލް ހޯދުމަކީ އުއްމީދުކަމަށެވެ.