ވިޔަފާރި

ބޫޓު ފެއަރގެ ތެރެއިން ރާއްޖެއާބެހޭ މައުލޫމާތު ދީފި


ޖަރުމަނުވިލާތުގެ ޑަސަލްޑޯފްގައި ކުރިއަށްދިޔަ ބޫޓު ފެއަރގެ ތެރެއިން ރާއްޖެއާބެހޭ މައުލޫމާތު ގިނަ އަދަދެއްގެ ބަޔަކަށް ދީފިއެވެ.

މިމަހުގެ 20 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ކުރިއަށްދިޔަ ބޫޓު ފެއަރއަކީ ޑައިވް ކުރުމާއި މޫދު ކުޅިވަރަށް ޚާއްޞަ ކޮށްގެން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޓްރޭޑް ފެއަރއެވެ.

މި ފެއަރގައި މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 5 ކުންފުންޏަކުން 10 ބައިވެރިން ބައިވެރިވެފައިވެއެވެ.

ބޫޓު ފެއަރގެ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރި މީހެއްގެ ވީޑިއޯ އިންޓަރވިއު އެމް.އެމް.ޕީ.އާރު.ސީން ވަނީ ޓްވިޓަރގައި ހިއްސާކޮށްފައިއެވެ. އެ ވީޑިއޯގައި އެމީހާ ވަނީ ރާއްޖޭގެ ރީތި ކަމަށް ތައުރީފުކޮށްފައެވެ. އަދި ހާއްސަކޮށް ރާއްޖޭގެ ކަނޑުއަޑީގެ ރީތި ކަމަށް އޭނާ ވަނީ ތައުރީފްކޮށްފައެވެ.

ބޫޓު ފެއަރގެ ރާއްޖޭގެ ސްޓޭންޓުގައި ވަނީ ތަފާތު ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ދިވެހި ބަހުން ނަން ލިޔުމަށް ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ލިބިފައެވެ. އަދި ދިވެހި ލުއި ކާނާވެސް ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ މީހުންނަށް ލިބެން ހުއްޓެވެ.

ޖަރުމަންވިލާތަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އެގޮތުން ހުސްވި އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ ތެރެއިން 7.9 އިންސައްތައަކީ ޖަރުމަންވިލާތުގެ ފަތުރުވެރިންނެވެ.