ޚަބަރު

ސްޓޫޑެންޓް ލޯން ލިބުނު 315 މީހުންނަށް ލިޔުން ދޫކުރަން ފަށައިފި


މަތީ ތައުލީމު ޙާސިލުކުރުމަށް ސަރުކާރުން ދޭ ލޯން ލިބުނު ދަރިވަރުންނަށް ލޯން ލިބުނުކަމުގެ ލިޔުން ހަވާލުކުރަން ފަށައިފިއެވެ. މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯން މިފަހަރު ޖުމްލަ 315 ފަރާތަކަށް ދިނުމަށް ނިންމާފައިވެއެވެ.

މަތީ ތަޢުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނާއި، މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުންދޭ ލޯން މިފަހަރު 315 ފަރާތަކަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓްމަހު ހުޅުވާލި ފުރުޞަތުގައި ލޯން ލިބުނު ދަރިވަރުންނެވެ.

ލޯނު ލިބުނު ދަރިވަރުންނަށް ލޯން ލިބުނުކަމުގެ ލިޔުން އަންނަ ފެބްރުއަރީ މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާނެކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓްމަހު މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނަށް ކުރިމަތިލުމަށް ހުޅުވާލުމުން 600 އެއްހާ ދަރިވަރުން ކުރިމަތިލާފައިވާއިރު މީގެތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ލޯން ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ 315 ދަރިވަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި އަލަށް ކިޔަވަން ފެށުމަށް ލޯން ދޫކުރި 113 ފަރާތަކާއި، ރާއްޖެއިން ބޭރުގައި އަލަށް ކިޔަވަން ފެށުމަށް ލޯން ދޫކުރި 169 ފަރާތަކާއި، މިހާރުވެސް ކިޔަވަމުންދާ 33 ދަރިވަރުންނެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ އެންމެ ގިނައިން ލޯނަށް އެދި ހުށަހަޅާފައިވަނީ ޑިގްރީއަށް ކިޔެވުމަށްކަމަށެވެ. ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލްކުރުމަށް ލޯން ދިނުމަށް ނިންމާފައިވާއިރު، މި ލޯންތަކަށް ފައިސާ ދައްކަން ފަށަން ޖެހެނީ ކިޔަވައި ނިންމުމަށްފަހު 6 މަސްފަހުންނެވެ. މަތީ ތަޢުލީމަށް ސަރުކާރުން ދޫކުރާ ލޯން އަނބުރާ ދެއްކުމަށް ކުރިން ލިބޭ އެންމެ ދިގު މުއްދަތަކީ 15 އަހަރު ނަމަވެސް، އަލަށް ދޫކުރާ މި ލޯނުތައް އަނބުރާ ދެއްކުމަށް ލޯނުގެ ޢަދަދަށް ބަލައި 20 އަހަރާ ހަމައަށް މުއްދަތު ލިބެއެވެ.

މީގެ އިތުރުން މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނުގެ އިންޓްރެސްޓް ރޭޓްވެސް ވަނީ އައު އުސޫލުގެ ދަށުން ކުޑަކޮށްފައެވެ. އެގޮތުން ކުރިން 5 އިންސައްތައިގައި އިންޓްރެސްޓް ނެގި ނަމަވެސް މިހާރު ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ރޭޓް ވަނީ 3 އިންސައްތައަށް ކުޑަކޮށްފައެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ އަންނަ މަހުގެ ކުރީކޮޅު އަނެއްކާވެސް މަތީ ތަޢުލީމަށް ކިޔެވުމަށް ލޯން ދޫކުރުމަށް ހުޅުވާލާނެކަމަށެވެ.