ސިޔާސީ

ރައްޔިތުންގެ މަޖްލިހުގެ ޖޭޕީގެ 2 މެމްބަރަކު ޕީޕީއެމް އާ ގުޅިއްޖެ


ޕީޕީއެމްއަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްހޫރީ ޕާޓީގެ ދެމެމްބަރަކު ގުޅިވަޑައިގެންފިއެވެ. އެދެމެމްބަރުންނަކީ ކަނޑިތީމު ދާއިރާގެ މެމްބަރ މުހައްމަދު ހުސައިނާއި މަޑަވެލީ ދާއިރާގެ މެމްބަރ މުއާޒް މުހައްމަދު ރަޝީދުއެވެ. މިދެމެމްބަރުން ޕީޕީއެމާއި ގުޅިވަޑައިގަތުމުން އެޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ސާޅީސް ހަޔަކަށްއެރީއެވެ. އެމްޑީއޭގެ ފަސްމެމްބަރުންނާއެކު ވެރިކަންކުރާ ކޯލިޝަންގެ މެމްބަރުންގެ އަދު 51 އެއް މެމްބަރުންނަށް ވެގެންދިޔައީއެވެ.މިދެމެމްބަރުންނަށް ޕީޕީއެމްގެ ލީޑަރޝިޕުންވަނީ ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. މީގެއިތުރަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކައުންސިލް މެމްބަރުންތަކެއްވެސް ޕީޕީއެމާއި ގުޅިފައިވާކަން ރޭ ހާމަކުރިއެވެ.މިއެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ އެޕާޓީގެ މަގްބޫލުކަން ރައްޔިތުންގެ ކުރިމަތީގައި ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމަށެވެ.ގާނޫން އަސާސީ ހިމާޔަތްކުރުމަށްކަމަށްބުނެ އިދިކޮޅު އެމްޑީޕީއާއި ޖޭޕީން ހިންގާ ހަރަކާތްތަކަށް ފާޑުވިދާޅުވަމުން ރައީސް މައުމޫން ވިދާޅުވީ މިހާރުގެ ސަރުކާރަކީ ގާނޫން އަސާސީއަށް ހުރުމަތްތެރިކޮށް ހިތާ ސަރުކާރެއްކަމަށާއި ސަރުކާރުން ގާނޫން އަސާސީއާއި ޚިލާފަށް ކަންތައްތައްކުރާނަމަ ކޯޓްތަކަށް އެމައްސަލަ ހުށަހެޅުމަށެވެ. ސަރުކާރު ބަދަލުކުރަންބޭނުންވާނަމަ އެކަންކުރާނެގޮތް ގާނޫން އަސާސީގައި ބަޔާންކޮށްފައިވާކަމަށާއި ސަރުކާރު ވަށްޓާލުމާއި ޖާނުންފިދާވުމުގެ ހަމަލާތައްދިނުން ގާނޫން އަސާސީގައި ބަޔާންކޮށްފައިނުވާކަމަށެވެ.ރޭ ވާހަކަފުޅު ދެއްކެވި އެޕާޓީގެ ގިނަ މެމްބަރުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.