ވިޔަފާރި

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއަށް 2.9 މިލިއަން ރުފިޔާ


މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ 2017 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 97.3 މިލިއަން ރުފިޔާ އާ އަޅާ ބަލާއިރު %97 ދަށް އަދަދެކެވެ.
އެމްޓީސީސީން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއަރޓަރގައި 363 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައެވެ. އަދި ވިޔަފާރިކުރުމަށް 301 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ, ޖުމްލަ 61 މިލިއަން ރުފިޔާއެވެ. މިއީ 2017ވަނަ އަހަރު ލިބުނު ޖުމްލަ ފައިދާގެ ގޮތުގައި ލިބުނު 131 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު %53 ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު ސާފްފައިދާ ދަށަށްގޮސްފައިވަނީ، ކުރީގެ ސަރުކާރުން ކުންފުނީގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްފައިވާތީކަމަށް އެމްޓީސީސީގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު ވަނީ ތުހުމަތު ކުރައްވާފައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެފައިވަނީ، ނިމިގެންދިޔަ ރިޔާސި އިންތިޚާބުގެ ދުވަސްވަރު އެމްޓީސީސީގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށާއި، މިގޮތުން އެމްޓީސީސީން ކުރިއަށްގެންދިޔަ ބައެއް މަޝްރޫޢުތަކާއި ގުޅޭގޮތުން އޭސީސީން މަޢުލޫމާތު ސާފުކޮށްފައިވާކަމަށެވެ.