ވިޔަފާރި

ކޮމަންވެލްތުން ރާއްޖެ ވަކިވުމުން އޭގެ އަސަރު ފަތުރުވެރިކަމަށް ކުރި - ފިރާޤް


ކޮމަންވެލްތުން ރާއްޖެ ވަކިވުމުން އޭގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ފިރާޤް ވިދާޅުވީ، ކޮމަންވެލްތް ފަދަ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ވަކިވުމުގެ ސަބަބުން އޭގެ އަސަރު ރާއްޖޭގެ ވިޔަފާރިތަކަށް ކުރިކަމަށެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވުމުގެ ސަބަބުން އެފަރާތްތަކާއިއެކު އޮންނަ ގުޅުމަށް ބަދަލުތަކެއް އައިސް، ޔޫރަޕް ފަދަ ޤައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށްވެސް ދަތިތަކެއް ދިމާވިކަން ފިރާޤް ފާހަގަކުރެއްވިއެވެ.

"
ބައެއް ސަބަބުތަކާހުރެ ބޭރުގެ ބައެއް ޖަމިއްޔާތަކާއި ވަކިވެގެންދިޔައީމައި އަޅުގަނޑުމެންނަށް އެބައާދޭ ވިޔަފާރިކުރުމުގައި އުނދަގޫ މައްސަލަތަކެއް. މިސާލަކަށް ޔޫރަޕް ތަންތަނުގައި އިޝްތިހާރުކުރުމާއި މިކަހަލަ ކަންކަން އަޅުގަނޑުމެންނަށް ހީނުވިޔަސް ނުފޫޒު ފޯރުވާނެ ސިޔާސީ ފަރާތްތައްވެސް އެތަންތަނުގައި ތިބޭނެ
މުހައްމަދު ފިރާޤް، އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު

ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނީގެ އިތުރުން ބައިނަލްއަޤްވާމީ ބައެއް އެއަރލައިންތަކުގެ ރާއްޖޭގެ އޭޖެންޓުކަންވެސް ކުރައްވާ ފިރާޤް ވިދާޅުވީ، ކުރިން ބޭރުގެ ބައެއް ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ހުރި އޮފީސްތަކަކީ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މުހިންމު ދައުރެއް އަދާކުރި ތަންތަންކަމަށާއި، މިފަދަ އޮފީސްތައް އަލުން ޤާއިމްކުރުމަކީ ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމަށް ހުޅުވިގެންދާ މަގަކަށްވެގެންދާނެކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މިހާރު ފަށާފައިވާ މަސައްކަތްތަކުގެ މިސްރާބު ރަނގަޅުކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އުޖާލާ ދުވަސްތަކެއް ފެންނާނެކަމަށް އުންމީދުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ފަދަ ކުންފުނިތަކުން ބައިނަލްއަޤްވާމީ މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރާ މަސައްކަތުގައި މި ސިނާއަތުގައި ހަރަކާތްތެރިވާ އެހެން ފަރާތްތަކުން އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއްކަމަށާއި، ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ ނަފާ އިތުރުކުރެވޭނީ މި ދާއިރާ އިޝްތިހާރުކުރިވަރަކަށް ކަމަށް ފިރާޤް ވިދާޅުވިއެވެ. ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މިއަހަރު ކަނޑައެޅި ބަޖެޓް 3 ގުނަ އިތުރުކުރުމަށް ނިންމުމާއި ގުޅިގެން ފިރާޤް ވިދާޅުވީ، މިއަހަރުގެ ތެރޭގައި އޭގެ ބަދަލު ނުފެނުނު ނަމަވެސް އެކެއް ނުވަތަ ދެ އަހަރު ފަހުން އެކަމުގެ ހެޔޮބަދަލުތައް ފެންނަން ފަށާނޭކަމަށެވެ.

މިހިނގާ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އުޖާލާ އަހަރަކަށް ހެދުމަށްޓަކައި ކުރިން ނުފެންނަ އެކި ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. މިގޮތުން އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ ތެރޭގައި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ތަފާތު ގޮތަކަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.