ސިޔާސީ

ޕީޕީއެމްއާ ސަރުކާރާ ދެމެދު ހިތްހަމަ ނުޖެހުމެއް ނެތް- މައުމޫން


ޕީޕީއެމްއާ ސަރުކާރާ ދެމެދު ހިތްހަމަ ނުޖެހުން އުޅޭކަމަށް ދެކެވޭ ވާހަކަތައް ކުރީގެ ރައީސް އަދި ވެރިކަންކުރާ ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް ދޮގު ކުރައްވައިފިއެވެ.ޕީޕީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ ރައީސް މައުމޫން އަބްދުއްޤައްޔޫމާ ރައީސުލްޖުމުހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލްޤައްޔޫމާ ދެމެދު ޚިޔާލުތަފާތުވުން އުޅޭކަމަށް މީޑިއާ ތަކުގައި ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުން ދާތީ އެއީ އެއްވެސް ހަޤީގަތެއް ނެތް ވާހަކައެއް ކަމަށެވެ.ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ ވެރިކަން ކުރާ ޕާޓީގެ ފަރާތުން ސަރުކާރަށް ދޭންޖެހޭ ކޮންމެ އެއްބާރުލުމެއް އެޕާޓީގެ ފަރާތުން ދޭނެކަމަށެވެ. އަދި އެފަދަ ކަންކަމުގައި ހަޤީޤަތާ ޚިލާފު ޚަބަރުތަށް ނުފެތުރުމަށްވެސް ޕީޕީއެމް އިންވަނީ އިލްތިމާސް ކޮށްފައެވެ.މިއަދު ކުރީގެ ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައިވެސް ވިދާޅުވެފައިވަނީ އެމަނިކުފާނާއި ރައީސް ޔާމީނާ ދެމެދު އެއްވެސް ޚިޔާލުތަފާތުވުމެއް ނޫޅޭކަމަށެވެ.މީޑިއާގައި މި ޚަބަރު ފެތުރިފައިވަނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަހްމަދު މަހުލޫފް މީޑިއާގައި ދެއްކެވި ވާހަކަފުޅު ތަކަކާއި ގުޅިގެންނެވެ. ޕީޕީއެމުން ބުނީ ޕާޓީގެ ތެރޭގައި ކަންހިނގަމުންދާގޮތުގެ ހަޤީޤަތް އޮޅޭގޮތަށް މައުލޫމާތު ފަތުރާ މެންބަރުންނާމެދެ ޕާޓީގެ އަސާސީ ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ.