ކުޅިވަރު

ހިގުއައިންއާއި އެޑެން ހަޒާޑަށް އެކުގައި ކުޅެވޭނެ - ސާރީ


ގޯންޒާލޯ ހިގުއައިންއާއި އެޑެން ހަޒާޑަށް އެކުގައި ކުޅެވޭނެކަމަށް ޗެލްސީގެ ކޯޗު މައުރީސިއޯ ސާރީ ބުނެފިއެވެ.

ލީގުގައި ރޭ ހަޑާސްފިލްޑް އަތުން މޮޅުވި މެޗަށްފަހު ކޯޗު ސަރީވަނީ ހިގުއައިން އަދި ހަޒާޑަށް ތައުރީފްކޮށް ވާހަކަދައްކާފައެވެ. ރޭގެ މެޗުގައި ހިގުއައިން ދެ ގޯލް ޖެހިއިރު ހަޒާޑްވެސް ދެ ގޯލް ޖެހިއެވެ.

ޗެލްސީގެ ކޯޗު ސަރީ ބުނީ ދެ ކުޅުންތެރިންގެ ސްޓައިލަށް ބަލާއިރު އެކުގައި ކުޅެން ވަރަށް ބޮޑަށް ފިޓުކަމަށާއި، ކުރިއަށް އޮތް ތާނގައި ދެ ކުޅުންތެރިންގެ ކޮންބިނޭޝަން ރަނގަޅުވާނެކަމަށެވެ. ފުރަތަމަ ހިގުއައިން ޗެލްސީއާއި ގުޅުނުއިރު ހުރީ އަނިޔާގައިކަމަށާއި، މިހާރު އެކަމަކު މަޑުމަޑުން އޭނާ ފިޓުވަމުން އަންނަކަމަށް ސަރީ ބުންޏެވެ.

މި މެޗުގައި ދެއްކި ކަހަލަ މޮޅު ކުޅުމެއް ބާކީ އޮތް ތޭރަ މެޗުގައި ދައްކަން މަސައްކަތް ކުރަންޖެހޭކަމަށްވެސް ކޯޗު ސަރީ ވަނީ ފާހަގަކޮށްފައެވެ. ރޭގެ މެޗުގައި ހިގުއައިންއާއި ހަޒާޑްގެ އިތުރުން ޗެލްސީގެ ފަހު ލަނޑު ޖަހައިދިނީ ޑޭވިޑް ލުއިޒްއެވެ. މި ނަތީޖާއާއިއެކު ޗެލްސީވަނީ ތާވަލްގެ ހަތަރުވަނައަށް ޖެހިލާފައެވެ.