ސިޔާސީ

ނާޒިމްގެ މައްޗަށް އުފުލި ދައުވާއަށް އޭނާ އިންކާރު ކުރައްވައިފި


ކުރީގެ ޑިފެންސް މިނިސްޓަރ ކަރނަލް ރިޓެޔަޑް މުހައްމަދު ނާޒިމްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އުފުލި ދައުވާއަށް އޭނާ އިންކާރްކުރައްވައިފިއެވެ.ޕްރޮސެކިއުޓަރ ޖެނެރަލް ނާޒިމްގެ މައްޗަށް ކުރައްވާފައިވަނީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.އެދައުވާގައި ބުނެފައިވަނީ ކޯޓް އަމުރެއްގެ ދަށުން ޖެނުއަރީ މަހުގެ އަށާރަވަނަ ދުވަހު ނާޒިމްގެ ކޮޓަރި ބަލާފާސްކުރިއިރު އެކޮޓަރިން ފިސްތޯލަކާއި  ތިންވަޒަނާއި މެގެޒިންއެއްގެ އިތުރުން ޕެން ޑްރައިވެއް ފެނިފައިވާކަމަށެވެ. އަދި އެ ޕެންޑްރައިވްގައި ހުރި މައުލޫމާތުން ނާޒިމް އިސްކޮށް ހުންވައިގެން ދައުލަތުގެ އިއްޒަތްތެރި މަގާމްތަކުގައި ތިއްބެވި ފަރާތަކަށް ހަމަލާދޭން ރާވަފައިވާކަމަށް ދައަލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި ވަކިވަކިންނާއި އެއްކޮށް ހިންގަން ރާވައިފައިވާ ކަންތައްތަކަށް ފަންޑުކުރަން ނިންމާފައިވަނީ ވިލާ ކުންފުނިން ކަން އެގޭކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.މިއަދުގެ އަޑުއެހުމުގައި ނާޒިމްވަނީ ދައުލަތުން ކުރާ ދައުވާއަށް އިންކާރްކުރައްވައި އަދި ވަކީލަކު އައްޔަންކުރުގެ ފުރުސަތަކަށް އެދިވަޑައިގަތުމުން ތިން ދުވަހުގެ ފުރުސަތެއް ކޯޓުން ދީފައިވެއެވެ.ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު އޭނާގެ އަނބިކަބަލުންގެ މައްޗަށްވެސް މި ދައުވާ ދައުލަތުން ކޯޓަށް ހުށައަޅާފައިވެއެވެ. ނަމަވެސް މިއަދު ބޭއްވި ޝަރީއަތުގެ މަޖްލީހަށް ނާޒިމްގެ އަނބިކަބަލުން އަފާފް އަބްދުލް މަޖީދް ހާޒިރްކޮށްފައިވަނިކޮށް ދައުލަތުން  ވަނީ އެ ދައުވާ އަންބުރާ ގެންގޮސްފައެވެ.ދައުވާ ގެންދަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އެ ދައުވާގެންދެވީ ނާޒިމްގެ ކޮޓަރިން ފެނުނު ޕެންޑްރައިވްގައި ހުރި މައުލޫމާތުތަކަށް  ބިނާކޮށްކަމަށެވެ.ނާޒިމްގެ މައްޗަށް ދައުލަތުން ކުރައްވާ ދައުވާގެ އަޑުއެހުންތައް ފަށާފައިވާއިރު އެ މައްސަލަގެ ޝަރީއަތްތައް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން މިއަދު އަމުރުކޮށްފައިވެއެވެ.ނާޒިމްގެ ގާނޫނީ ވަކީލް މައުމޫން  ހަމީދް ވިދާޅުވީ ކްރިމިނަލްކޯޓްގެ އަމުރު ހައިކޯޓްގައި އިސްތިއުނާފްކުރައްވާނެކަމަށެވެ.