ޚަބަރު

ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުންކުރުމާބެހޭ ހާއްސަ ކެންޕެއިނެއް ފަށަނީ!


ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުންކުރެވޭނެ ގޮތްތަކާބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުމުގެ ހާއްސަ ޤައުމީ ކެންޕެއިނެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.
ސޭފަރ އިންޓަރނެޓް ޑޭގެ މުނާސަބަތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުންކުރާ ދުވަސް، ރާއްޖޭގައި ފާހަގަކުރުމަށްޓަކައި ޤައުމީ ކެންޕެއިނެއް ހިންގުމަށް ނިންމާފައިވާކަމަށެވެ. ރާއްޖެއަކީ ނިސްބަތުން ކުޑަކުދިން އިންޓަރނެޓް ބޭނުންކުރާ ޤައުމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އިންޓަރނެޓްގެ ސަބަބުން ކުޑަކުދިންނަށް ދިމާވެދާނެ ނޭދެވޭ ކަންކަމުން ރައްކާތެރިކުރުމަށްޓަކައި ކުދިންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއްކަމަށެވެ.

"
އިންޓަރނެޓް ބޭނުންކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާ، ދަމަހައްޓަންޖެހޭ އުސޫލުތަކެއް ހުރޭ. މިކަންކަމުގެ މައުލޫމާތު ނޭނގޭނަމަ، ގެއްލުންތަކެއް ލިބިދާނެ. ދުނިޔޭގެ އެކި ޤައުމުތަކުގައި އިންޓަރނެޓާއިމެދު ހޭލުންތެރިކުރުވުމަށް ބޮޑެތި ކެމްޕެއިންތަކެއް ދަނީ ހިންގަމުން. އަޅުގަނޑުމެންގެވެސް ވިސްނުން ހުރީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދިވެހި ޒުވާނުން، ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގަން
ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލް

މިނިސްޓަރު މަލީޙް ވިދާޅުވީ އިންޓަރނެޓްގެ ޒަރިއްޔާއިން ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުންކުރާ އަދަދު ރާއްޖޭގައި އިތުރުވަމުން އަންނައިރު، ޒުވާން ކުދިން ފޭސްބުކް ފަދަ އެޕްލިކޭޝަންތައް ބޭނުންކުރުމުގައި އެކަން ކުރަނީ އެންމެ ރައްކާތެރި ގޮތުގައިތޯ ބެލުމަކީ ބެލެނިވެރިންގެ ޒިންމާއެއްކަމަށެވެ. އިންޓަރނެޓް ބޭނުންކުރުމުގައި ސަމާލުވާންވީ ކަންތައްތަކަށް އާންމުން އިތުރަށް ހޭލުންތެރިކުރުމަށް ސްކޫލްތަކާއި، އާންމު ތަންތަނުގެ އިތުރުން މީސް މީޑިއާޔާގައި ދިގު ދެމިގެންދާ ކެމްޕެއިންތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިންޓަރނެޓާއިމެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ ކެމްޕެއިންތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަން ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެފައިވާއިރު، މި ކެމްޕެއިންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ކޮމިޔުނިކޭޝަން އޮތޯރިޓީގެ އިތުރުން މުއާލަސާތީ ޚިދުމަތްދޭ ކުންފުނިތައް ގުޅިގެންނެވެ.