ޓުއަރިޒަމް

ޖަނަވަރީމަހު ފަތުރުވެރިކަމަށް %6.5 ކުރިއެރުމެއް


މިއަހަރުގެ ފުރަތަމަ މަސް ނިމުނުއިރު %6.5 ކުރިއެރުމެއް ފަތުރުވެރިކަމުން ހޯދާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ބޭއްވި މިއަދު އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިދިޔަ މަސް ފާހަގަކުރެވުނީ ފަތުރުވެރިކަމުގައި ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގި މަހެއްގެ ގޮތުގައި ނަމަވެސް ފަތުރުވެރިކަމަށް ކުރިއެރުންތަކެއްވެސް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިއަހަރަށް ކުރެވޭ އުންމީދު ބޮޑުކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ޖަނަވަރީ މަހު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި 5 މާކެޓަކީ ޗައިނާ، އިޓަލީ، އިންޑިއާ، އިނގިރޭސިވިލާތް، އަދި ޖަރުމަނުވިލާތެވެ. މީގެތެރެއިން ޗައިނާ ފިޔަވާ އެހެން ހުރިހާ މާކެޓްތަކަކުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރިއާއި އަޅާބަލާއިރު %0.7 ވަނީ ދަށްވެފައެވެ.

ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަދުވުމުން އެކަމަށް ހައްލެއް ހޯދާނެ ގޮތަކާއި މެދު މަޝްވަރާ ކުރުމަށް ސްޓޭކް ހޯލްޑަރުންނާއި އެކު ޗައިނާ އެމްބަސީއާ ވާހަކަ ދައްކަވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. ޗައިނާގެ މާކެޓު މިދިޔަ އަހަރުއްސުރެ ދައްވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ޖަނަވަރީ މަހު އިޓަލީން ޒިޔާރަތްކުރި ފަތުރުވެރިން %17 އިތުރުވެފައިވާއިރު، އިންޑިއާގެ މާކެޓް %37 ކުރިއެރުމެއް ވަނީ ހޯދާފައެވެ. އަދި ޖަރުމަނުވިލާތުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %7.8 އިތުރުވެފައިވާއިރު، ޖަރުމަނު މާކެޓް ވަނީ %17.9 ކުރިއަރާފައެވެ.