އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ ގުޅިގެން މިއަދު މާލޭގައި ބޭއްވި މުޒާހަރާގައި ސަރުކާރަށް ތޭރަކަމަކަށް ޑިމާންޑްކޮށް އެކަމަށް މުހުލަތެއް ދިނުމަށްފަހު މުޒާހާރާ ނިންމާލައިފިއެވެ.މާލޭގެ އިރުދެކުނު ފަރާތު އުސްފަސްގަނޑު ސަރަހައްދުގައި ފެށި މުޒާހަރާ ނިންމާލީ މަޖީދީމަގުން އައިސް ސޯޝަލް ސެންޓަރ ސަރަހައްދަށެވެ.މުޒާހަރާގައި ކުރި ތޭރަ ޑިމާންޑްގެ ތެރޭގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް ހަފްތާއެއްގެ ތެރޭގައި ދޫކޮށްލުމަށާއި، ކޯޓްތަކާއިބެހޭ ގާނޫނާއި އޮޑިޓަރ ޖެނެރަލްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާގް އަބުރާ ގެންދިއުން ހިމެނެއެވެ.މީގެއިތުރަށް ސަރުކާރަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަންތައް ބަލައި ތަހުގީގުކުރުމާއި، ކަރަންޓުގެ އަގު ހެޔޮކުރުމާއި، މަސްވެރިންނާއި ދަނޑުވެރިންގެ ސަބްސިޑީ ދިނުމާއި،ލާމަރުކަޒީ ގާނޫނު ތަންފީޒުކޮށް ކައުންސިލްތަކަށް ބާރުތައް ދިނުމާއި، ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނު ތަންފީޒުކުރުމާއި، މުސާރައިގެ ހަމަހަމަކަން ހިފަހައްޓައިދީ މުސާރަ ބޮޑުކޮށްދިނުމާއި، އަލަށް ނަގަން ފަށާ ތެލުގެ ޑިއުޓީ ނުނެގުމާއި، މިނިވަން މުއައްސަސާތަކަށް ގާނޫނީ ބާރު ދިނުމާއި، ހުސްނުވާ އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުންވެސް މިޑިމާންޑްތަކުގެތެރޭގައި ހިމެނެއެވެ.އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ގުޅިގެން މަލޭގައި ސިލްސިލާ މުޒާހަރާތަކެއް ބައްވަމުންދާއިރު އެދެޕާޓީން ބުނަމުންދަނީ އެދެޕާޓީން ބޭނުންވަނީ ގާނޫން އަސާސީ ހިމާޔަތްކުރުމަށްކަމަށެވެ.އެހެންނަމަވެސް މިސިލްސިލާ އެއްވުންތަކުގެތެރޭގައި ސަރުކާރު ވަށްޓާލަންޖެހޭކަމަށް ދެޕާޓީގެ ލީޑަރ ޝިޕްގެ ބޭފުޅުން ގެންދަވަނީ ގޮވާލައްވަމުންނެވެ.އެމްޑީޕީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމަށް ވެރިކަން ހޯއްދަވައިދެއްވަން ބޭނުންފުޅުކަމަށެވެ.މިދެބޭފުޅުންނަށްވެސް މިއަދުގެ މުޒާހަރާގައި ބައިވެރިވެވަޑައެއް ނުގެންނެވެއެވެ.2012 ވަނަ އަރު ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް އުފުލާފައިވާ ޓެރަރިޒަމްގެ ކުށުގެ ދައުވާއާއިގުޅިގެން ކޯޓް އަމުރެއްގެ ދަށުން މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނެވިއިރު އިއްޔެ ރޭ ސްރީލަންކާއަށް ވަޑައިގެންނެވުމަށްފަހު އަދި ގާސިމް އިބްރާހިމް މާލެ ވަޑައިނުގަންނަވައެވެ. އަނެއްކޮޅުން މިއަދު މުޒާހަރާގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓި މޯލްޑިވްސް ޕޮލިސް ސާވިސްއިންބުނީ މާލޭގައި މިއަދު ބޭއްވި މުޒާހަރާގެތެރޭގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާކަމަށެވެ. އަދި އެއްވެސް މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ. އެހެންނަމަވެސް ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މުޒާހަރާގައި ބައިވެރިވާން މާލެއަށް ބައެއް އަތޮޅުތަކުން އައި އުޅަނދުތައް ކަނޑުދަތުރުފަތުރާއިބެހޭ ގަވާއިދުތަކާއި ޚިލާފްވެފައިވާތީ ބައެއް އުޅަނދުތަކުގެ ކެޕްޓަނުންގެ ލައިސަންސް ހިފަހައްޓަންޖެހުނު ކަމަށެވެ. އެހެންނަމަވެސް އެއުޅަނދުތަކުން މާލެއަންނަންބޭނުންވި ފަރާތްތަކަށް ހުރަސްއަޅާފައިނުވާނެކަމަށްވެސް ބުނެފައިވެއެވެ.