ސިޔާސީ

މުސާ އަލީ ޖަލީލްގެ މައްޗަށް ކުރި ދައުވާއަށް އޭނާ އިންކާރުކޮށްފި


ކުރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު އެކަހެރިކޮށް ބަންދުކުރި މައްސަލާގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް މުސާ އަލީ ޖަލީލްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ކުރި ޓެރަރިޒަމްގެ ދައުވާއަށް އޭނާ އިންކާރްކުރައްވައިފިއެވެ.މި މައްސަލާގައި މިރޭ ބޭއްވި އަޑުއެހުމުގައި ދައުވާއަށް އިންކާރް ކުރައްވަމުން މޫސާ އަލީ ޖަލީލް ވިދާޅުވީ އެއްވެސް މީހަކު ހައްޔަރުކުރުމަށް އޭނާގެ އެއްވެސް ވެރިޔަކު އަންގަވާފައިނުވާކަމަށެވެ. އދި އެއްވެސް މީހަކު ހައްޔަރުކުރުމަށް ދަށުން ތިބި އެއްވެސް މުވައްޒަފަކަށް އަންގާފައިނުވާނޭކަމަށްވެސް މޫސާ އަލީ ޖަލީލް  ވިދާޅުވިއެވެ.އިސްގާޒީ އަބްދުﷲ މުހައްމަދުގެ ސަބަބުން ގައުމުގެ ސަލާމަތަށް ނުރައްކާވެ ފުލުހުންގެ މަސައްކަތަށް ހުރަސްއެޅޭކަމަށް ބުނެ ބައެއް ބައްދަލްވުންތައް ބޭއްވި ނަމަވެސް އޭގެ އެއްވެސް ބައްދަލްވުމެއްގައި އިސްގާޒީ ހައްޔަރުކުރުމަށް މަޝްވާރާ ކުރެވިފައި ނުވާކަމަށްވެސް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ. އަދި އޭރު ސިފައިންގެ މަސައްކަތްތައް ހިންގުމަށް މިނިސްޓަރ އެކުލަވާލި އުސޫލުން މުސާ އަލީ ޖަލީލްގެ ދަށުން ތިބޭ މުވައްޒަފުންވެސް ހުރިހާ ކަމެއް ސިދާ ރިޕޯރޓް ކުރެވެމުންދިޔައީ މިނިސްޓަރަށްކަމުން ހިނގާދިޔަ ކަންކަން އެގި ވަޑައިގެންފައިނުވާ ކަމަށްވެސް ނުވާކަމަށްވެސް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ. އަދި އަބްދުﷲ މުހައްމަދު ގިރިފުއްޓަށް ގެންދިޔަކަންވެސް އެގިވަޑައިގަތީ ގެންދިޔަ ދުވަހުގެ އަނެއް ދުވަހުކަމަށްވެސް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.މޫސާ އަލީ ޖަލީލްގެ ވާހަކަތަކަށް ރައްދުދެމުން ދައުލަތުގެ ވަކީލް ވިދާޅުވީ ކުރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް މޫސާ އަލީ ޖަލީލް މަޝްވާރާކޮށް ލަފާދިންކަން އެނާގެ ތަހްގީގް ބަޔާންތަކުން އެގޭކަމަށެވެ.މިރޭގެ އަޑުއެހުމުގައި ދައުލަތުން ވަނީ މުސާ އަލީ ޖަލީލް އާއި ދެކޮޅަށް އެގާރަ މީހަކާއި އެގާރަ ލިޔުމަކާއި ބައެއް ވީޑިއޯތައް ހެކީގެ ގޮތުގައި ހުށައަޅާފައެވެ.ހެކީގެ ގޮތުގައި ހުށައެޅި މީހުންގެ ތެރޭގައި އޭރުގެ ފުލުހުންނާއި ސިފައިންގެ ބައެއް އިސްވެރިންވެސް ހިމެނެއެވެ.މި މައްސަލާގައި މިރޭ ބޭއްވި އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުމުގައި ހެކިން ހާޒިރްކުރައްވާނެކަން ބެންޗުން އިއުލާންކުރެއްވުމަށްފަހުގައެވެ.މި މައްސަލާގައި އެއްވެސް ފަރާތަކަށް ހެކިންގެ ގޮތުގައި ބެންޗުގައި ތިއްބެވި އެއްވެސް ފަނޑިޔާރެއްގެ ނަން ހުށަނޭޅޭނެކަން މައްސަލަ ބައްލަވާ ބެންޗުން މިރޭ އަންގަވައިފައިވެއެވެ.ކުރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމދު ހައްޔަރުކުރި މައްސަލާގައި ދައުލަތުން ދައުވާކުރާ އިބްރާހިމް ދީދީއާއި މުހައްމަދު ޒިޔާދްގެ ޝަރީއަތުގެ އަޑުއެހުމެއްވެސް މިރޭ ބާއްވާފައިވެއެވެ. އެ ދެ ފަރާތުންވެސް ލިޔުންތައް ދިރާސާކުރުމަށް ފުރުސަތަކަށް އެދުމުން އެ އަޑުއެހުންތައް ނިންމާލާފައިވަނީ ކޮންމެ ފަރާތަކަށްވެސް ތިން ދުވަހުގެ ފުރުސަތެއް ދިނުމަށްފަހުގައެވެ.