ކުޅިވަރު

ފީފާގެ ރައީސްގެ ގޮތުގައި ދެވަނަ ދައުރަކަށް އިންފަންޓީނޯ !


ފީފާގެ ރައީސްގެ ގޮތުގައި ދެވަނަ ދައުރަކަށް މަޑުކުރަން ޖިއާނީ އިންފަންތީނޯ ނިންމަވައިފިއެވެ.

އަންނަ ޖޫން މަހު އޮންނަ ފީފާގެ އިންތިޚާބަށް ކުރިމަތިލާފައިވަނީ އިންފަންތީނޯ އެކަންޏެވެ. އިންފަންތީނޯއާއި ވާދަކުރަން ޓޮޓެންހަމްގެ ކުރީގެ ތަރި ރަމޮން ވެގާ ޝައުގުވެރިކަން ފާޅުކުރިނަމަވެސް އޭނާއަށް ޤައުމުތަކުގެ ތާއީދެއް ނުލިބުނެވެ. ފީފާގެ ރައީސްކަމަށް ވާދަކުރަން މެމްބަރު 211 ގައުމުގެ ތެރެއިން 5 ޤައުމެއްގެ ތާއީދު ލިބެންޖެހެއެވެ.

ފީފާގެ ރައީސްކަމަށް ޖިއާނީ އިންފަންތީނޯ އިންތިޚާބުވެވަޑައިގަތީ 2016ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އިންތިޚާބުގެ ކުރިން އިންފަންތީނޯ ވެވަޑައިގަތް އެންމެ ބޮޑު ވައުދަކީ 32 ޓީމް ވާދަކުރާ ވޯލްޑްކަޕް 48 ޓީމަށް ބައިވެރިވެވޭގޮތަށް ބަދަލުކުރުންނެވެ. 2026ވަނަ އަހަރުގެ ވޯލްޑްކަޕްގައި 48 ޓީމް ބައިވެރިކުރަން މިހާރު ފީފާގެ ހިންގާ ކޮމިޓީންވަނީ ފާސްކޮށްފައިއެވެ.

އިންފަންތީނޯއާއި ފީފާގެ އެކި ފަރާތްތަކުން އަންނަނީ 2022ގައި ޤަތަރުގައި ބާއްވާ ވޯލްޑްކަޕުގައި 48 ޓީމަށް ފުރުސަތުދިނުމުގެ މަސައްކަތްވެސްކުރަމުންނެވެ. މިކަމާއި ގުޅުންހުރި މަޝްވަރާތައް ކުރިއަށްދާއިރު، އިންފަންތީނޯ ވިދާޅުވީ މިއީ ނުވުމަށްވުރެ ވުންކައިރިކަމެއްކަމަށެވެ.