ސިޔާސީ

އަންހެނުންނަށް ލިބިދޭ ރައްކާތެރިކަން ހަރުދަނާ ކުރުމުގެ މަސައްކަތް


ކައިވެނި ރޫޅުމަށްފަހު އަންހެނުންނަށް ލިބިދޭ ރައްކާތެރިކަން ހަރުދާނާކުރުމަށް ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން އާއިލާއާ ބެހޭ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހްތައް މަޖިލީހަށް ހުށައަޅުއްވާފައިވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވާދެއްވުމުގެ ގޮތުން ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ކައިވެނި ރޫޅުމަށްފަހު އަންހެނުންނަށް ލިބޭ ރައްކާތެރިކަން ހަރުދަނާ ކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެއް ކަމަށެވެ. އަދި އާއިލާއާ ބެހޭ ޤާނޫނަށް ގެނެވޭ އިސްލާހުން، ކައިވެނި ރޫޅުމާއި ގުޅިގެން  ދިމާވާ ހާލަތްތަކުގައި  އަންހެން މީހާއަށާއި ކުދިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެފަދަ ބޯހިޔާވަހިކަމުގެ ވަގުތީ އިންތިޒާމެއް ހަމަޖައްސަވައިދެވޭނެކަމަށެވެ. މީގެ އިތުރުން ކައިވެނި ރޫޅިއްޖެނަމަ ދިރިއުޅުމުގައި ދެމަފިރިން އެކުގައި ހޯދާފައިވާ މުދަލުން ހައްގު ހިއްސާ ހޯދާދީ އެ މުދަލުގައި ދެފަރާތް ހިއްސާވާވަރު ކަޑައެޅިގެންދާނެ އުސޫލެއް ގާއިމްކުރެވޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ވޭތުވެދިޔަ އަހަރާއި މިއަހަރު ސަރުކާރުން ކުރައްވަން ރާއްވަވާފައިވާ ކަންކަމަށް ބައްލަވާލައްވާފައިވެއެވެ.މިގޮތުން ވޭތުވެދިޔަ އަހަރު ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމާއި މަދަނީ އަދުލުގެ ނިޒާމް ހަރުދަނާ ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވުނުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ޝަރީއަތް ކުރުމާއި ބެހޭ ގަވާއިދުގެ ބަދަލުގައި އެކަމަށް އެކަށީގެންވާ މަދަނީ އިޖްރާތުގެ ގާނޫނު އެކުލަވާލުމަށް މިހާރު ކުރަމުންދާ މަސައްކަތް ނިމި މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށައަޅުއްވާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.މީގެ އިތރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފައްދާ އިސްލާމިކް ޔުނިވަރސިޓީއާއި ބެހޭ ބިލް މަޖިލީހަށް ފޮނުވާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.