ވިޔަފާރި

ތިލަފުށީގައި ބަނދަރެއް ތަރައްޤީވެގެން ދިޔުމުން، މާލޭ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ- ރައީސް ޞާލިޙު


ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީވެގެން ދިޔުމުން މާލޭގައި ހުރި ގުދަންތަކާއި ޞިނާޢީ މަސައްކަތް ކުރާ ގިނަ ތަންތައް މާލެއިން ބޭރުވެ، މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މާލޭ ވިޔަފާރީ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތްތައް މިއަހަރުތެރޭ ފެށިގެންދާނެ ކަމަށެވެ.

"
ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ކަމަކަށްހެން އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ ސަބަބުން، ވިޔަފާރިތަކަށްވަނީ ނުހަނު ދަތިތަކާ ވަނީ ކުރިމަތިލާންޖެހިފައި. މިކަމަށް ޙައްލެއް ހޯދުމަށްޓަކައި، ގުދަން ކުރުމާއި ލޮޖިސްޓިކް ޚިދްމަތްތައް ހިމެނޭ ގޮތަށް، ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެ
ރައީސް ޞާލިޙު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ބަޔާނާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއިން ގެނެސްދިން ޚާއްސަ ލައިވް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުވެސް ވަނީ މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން މިއަހަރުތެރޭގައި މި މަޝްރޫޢުގެ މަސައްކަތް ފެށި، ދެއަހަރާއި ބައި ގެ މުއްދަތަކަށްފަހު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ބޮޑެތި ބަދަލުތަކެއް އަންނަތަން ފެނިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

"
މިއަހަރު ނިމުމުގެ ކުރިން ފެނިގެންދާނެ ތިލަފުށީގައި މަސައްކަތް ފެށި ގާތްގަނޑަކަށް ދެ އަހަރާއި ބައި ތެރޭ، މާލޭގެ ކޮމަރޝަލް ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ
މިނިސްޓަރު އަމީރު

ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ ބޭރުގެ ގިނަ އަދަދެއްގެ ޝިޕިންގ ލައިންތައް ހުރަސްކުރާ ސަރަޙައްދެއްކަމަށްވާއިރު އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި މަންފާ ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގައި ޓްރާންސްޝިޕްމަންޓް ޕޯޓެއް ރާއްޖޭގައި ހެދުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ހަދަމުންދާ ކަމަށްވެސް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ.