ކުރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު އެކަހެރިކޮށް ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ނަޝީދްއާއި ދެކޮޅަށް ދައުލަތުން ހެކި ހުށައަޅައިފިއެވެ.ނަޝީދްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި 13 މީހަކާއި ގިނަ ލިޔުންތަކެއްގެ އިތުރުން ބައެއް ވީޑިއޯއާއި އޯޑިއޯ ކްލިޕްސްތައް ހުށައަޅާފައިވެއެވެ. އޭގެ ތެރޭގައި ސިފައިންގެއާއި ފުލުހުންގެ އިސްމާގްތަކުގައި ތިއްބެވި ބައެއް ފަރާތްތަކާއި ކޯޓްތަކުން ނެރުނު އަމުރުތަކުގެ އިތުރުން ނަޝީދް ބައެއް ތަންތަނުގައި ދައްކަވާފައިވާ ވާހަތައްވެސް ހިމެނެއެވެ.ނަޝީދްގެ ދިފާއުގައި ހެކި ހުށައެޅުމަށް ދިން ފުރުސަތުގައި 4 ހެއްކެތް ހުށައަޅާފައިވެއެވެ. އޭގެތެރޭގައި ޕޮރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިންއާއި ފުލުހުންގެ ކުރީގެ ބައެއް އިސްވެރިން ހިމެނެއެވެ.ރޭ ބޭއްވި އަޑުއެހުމުގައި ނަޝީދްގެ ފަރާތުން ދެ އިޖްރާއީ ނުކުތާއެއް ނަގާފައިވެއެވެ. މި ގޮތުން ފުރަތަމަ އިޖްރާއީ ނުކުތާގައި ބުނެފައިވަނީ އިސްގާޒީ ހައްޔަރުކުރި މައްސަލާގައި ތަހްގީގަށް ބަޔާންދީފައިވާ 2 ފަނޑިޔާރަކުން ބެންޗުގައި އިންނެވި މައްސަލައެވެ. ދެވަނަ ނުކުތާގައިވަނީ ޕީޖީއަށް ލިބިގެންވާ ގާނޫނީ ބާރުގެ ތެރެއިން ކޯޓަށް ހުށައެޅިފައިވާ މައްސަލައެއް އަނބުރާ ގެންދިޔުމަށްފަހު ބޮޑު އަދަބެއް ލިބޭ ކުށެއްގައި އިތުރު ދައުވާއެއް ނުކުރެވޭނެކަމަށް ބުނެ ހުށައެޅި ނުކުތާއެވެ.މި ނުކުތާތަކަށް ނިންމެވި ގޮތް އިއުލާންކުރައްވަމުން މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވީ އެ މައްސަލަ ކުރިމިނަލްކޯޓްގައި ނުބެލޭނެ ފަދަ ސަބަބެއް ނެތްކަމާއި މައްސަލަ އަންބުރާ ގެންދިޔުމަށްފަހުވެސް އަލުން ހުށައެޅިދާނެކަމަށް. އެހެންކަމުން މައްސަލަ ކުރިޔަށް ގެންދިޔުމަށް ބެންޗުން ނިންމާކަމަށެވެ. މި މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަސް ނެގުމެވެ.