ކްރިމިނަލް ކޯޓްގެ އިސްގާޒީ ހައްޔަރުކުރުމަށް ކުރީގެ ރައީސް
މުހައްމަދު ނަޝީދު އެއްވެސް އަމުރެއް ކުރި އަޑެއް ނާހާ ކަމަށާއި އެ ފަދަ އަމުރެއް
ނުވެސް ދެކޭކަމަށް ބުނެ ދެ ފުލުހަކު ހެކިބަސްދީފިއެވެ.
ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ
ދައުވާގައި ހެކިބަސް ބުދަ ދުވަހުގެރޭ ދީފައިވަނީ އެ ހާދިސާ ހިނގިއިރު އިންސްޕެކްޓަރެއްގެ
ވަޒީފާގައި ހުރި މިހާރުގެ ތ އަދި ލ އަތޮޅުގެ ޑިވިޝަން ކޮމާންޑަރ އަހްމަދު ޝާކިރާއި
ކުރިން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މިހާރުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް
ޕޮލިސް މުހައްމަދު ޖަމްޝީދެވެ.
ބުދަ ދުވަހުގެރޭގެ އަޑުއެހުމުގައި މި ދެ މީހުންވެސް ހެކިބަސް ދެމުން ބުނީ
ޖެނުއަރީ 18 ވަނަދުވަހު ރައީސް ނަޝީދް ފުލުހުންގެ އިސްވެރިންނާއި ބައްދަލްކުރައްވާ
ވާހަކަފުޅު ދެއްކެވިކަމަށެވެ. އަދި އެވާހަކަފުޅުގައި އަބްދުﷲ މުހައްމަދުގެ ޝަކުވާތައް
ލިބޭކަމަށާއި އޭނާއަށް ކޯޓާއި ސަތޭކަ ފޫޓު ކައިރިޔަށް ގާތް ނުވެވޭނެކަމަށް ނަޝީދު ވިދާޅުވިކަމަށްވެސް
ދެ ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް އަބްދުﷲ މުހައްމަދު ހައްޔަރުކުރަން
ނަޝީދް އަމުރުކުރެއްވި އަޑު އެމީހުން
އަހާފައިނުވާ ކަމަށް ބުނިއެވެ.
މި މައްސަލާގައި މިރޭ ހެކިބަސްދެމުން ނަޝީދްގެ ގާނޫނީ ޓީމުން
ކުރި ސުވާލަތަކަށް ޖަވާބްދެމުން އަހްމަދު
ޝާކިރު ބުނީ މި މައްސަލާގައި ދީފައިވާ ބަޔާންތައް މިއަދު ބަލާ ކިޔާފައިވާ ކަމަށެވެ.
އަދި މިއަދުގެ ހަވީރުގެ ވަގުތެއްގައި ޕީޖީގެ ވަކީލުންނާއި ފުލުހުންގެ މަރުކަޒްގައި
ބައްދަލްކުރި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މިރޭގެ އަޑުއެހުމުގައި ނަޝީދުގެ ބަންދާއި މެދު ނިންމާފައިވާ
ގޮތް މުރާޖައާ ކޮށްދިނުމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން އެދިފައިވޭ. މި ހުށައެޅުމާއި
އެކު ފަނޑިޔާރުން މަޝްވަރާކޮށްލުމަށް ޝަރީއަތް ފަސްމިނެޓަށް މެދުކަނޑާލިއެވެ.
ނަޝީދްގެ ބަންދާއި މެދު ނިންމި ގޮތް އިއުލާންކުރައްވަމުން
ބެންޗުން ވިދާޅުވީ ނަޝީދްގެ ބަންދަށް ބަދަލް ނުގެންނަން ތިން ފަނޑިޔާރަށް
އިއްތިފާގް ވެވުނުކަމަށެވެ. އަދި އެގޮތަށް ނިންމީ ނަޝީދުގެ ޝަރީއަތް ނިމެންދެން
ބަންދުކުރީ ވަކި ސަބަބުތަކެއް އޮވެގެންކަމަށާއި އެ ސަބަބުތައް އެގޮތުގައި އަދިވެސް
ދެމިއޮތްކަމަށް ފަނޑިޔާރުން ގަބޫލްކުރައްވާކަމަށެވެ.
މިރޭގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ މި މައްސަލައިގެ އިތުރު
އަޑުއެހުމެއް މާދަމާރޭ އޮންނާނެކަން އިއުލާން ކުރެއްވުމަށްފަހުއެވެ.