ސިޔާސީ

ގާޒީ ހައްޔަރުކުރުމުގައި ޖަލީލުގެ އެއްވެސް ދައުރެއްނެތް - ހެކިން


ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު
ހައްޔަރުކުރުމުގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އެއްވެސް
ދައުރެއް ނެތްކަމަށް ބުނެ ސިފައިންގެ ހަތަރު އޮފިސަރަކު ހެކިބަސްދީފިއެވެ.



މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ
ދައުވާގެ އަޑުއެހުމުގައި ބުދަ ދުވަހު ހެކިބަސްދީފައިވަނީ އޭރު ފަސްޓް ލެފްޓިނެންޓަކަށް
ހުރި މިހާރުގެ ކެޕްޓަން އަލީ އިހްސާނާއި އޭރުގެ އެމްއެންޑީއެފްގެ ތަރުޖަމާން އަދި
މިހާރުގެ ސައުތު އޭރިޔާގެ ކޮމާންޑަރ އަބްދުއް ރަހީމް އަބްދުލްލަތީފާއި
އެމްއެންޑީއެފްގެ މެޑިކަލް ސަރވިސްގެ ހެޑް، ކާނަލް ޑރ އަލީ ޝަހީދާއި
އެމްއެންޑީއެފްގެ ސައިކޮލަޖިސްޓް، ވޮރަންޓް އޮފިސަރ އައިޝަތު ޒީނާއެވެ.



ބުދަ ދުވަހުގެ އަޑުއެހުމުގައި ފުރަތަމަ ހެކިބަސްދެމުން އަލީ
އިހްސާން ވިދާޅުވީ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އުޅޭކަން އޭނާއަށް
އެގުނީ ޖެނުއަރީ މަހުގެ ސޯޅަ ވަނަދުވަހުކަމަށެވެ. އޭގެ ފަހުން އެކަމާ ގުޅިގެން
ބޭއްވި އެއްވެސް ބައްދަލަވުމެއްގައި މޫސާ އަލީ ޖަލީލް ބައިވެރިވެވަޑައިގެންފައި
ނުވާކަމަށެވެ. އަދި އޭރު މޫސާ އަލީ ޖަލީލް 
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުނެންވީ ނަމަކަށް ކަމަށާއި އޭރު
ޖަލީލަކީ ބާކީކޮށްފައި ހުރި މީހެއްކަމަށެވެ. އިސްގާޒީ ހައްޔަރުކުރުމުގެ
ހުރިހާކަމެއް ކުރިޔަށްދިޔައީ ތޮލްހަތުގެ ބެލުމުގެ ދަށުން ކަމަށްވެސް ވިދާޅުވިއެވެ.



ބުދަ ދުވަހު ދެވަނައަށް ހެކިބަސްދިން ކާނަލް އަބްދުއްރަހީމް
ވިދާޅުވީ އިސްގާޒީ ހައްޔަރުކުރަން އުޅޭކަން ކުރިން އެގިފައިނުވާކަމަށެވެ.
އެހެންނަމަވެސް އިސްގާޒީ ހައްޔަރުކޮށް ގިރިފުއްޓަށް ގެންދިޔަތާ ދެދުވަސްފަހުން
ގާޒީ ހައްޔަރުކުރިކަން އެ އާއިލާއަށް އެންގުމަށް އެގެޔަށް ގޮސް އަބްދުﷲ މުހައްމަދުގެ
އާއިލާއާ ބައްދަލު ކުރިކަމަށެވެ. އަދި އަބްދުﷲ މުހައްމަދުގެ އާއިލާއަށް އަންގަން
ދިޔައީ ކާނަލް މުހައްމަދު ޒިޔާދުގެ އެންގެވުމުގެ މަތިންކަމަށްވެސް އަބްދުއް ރަހީމް
ވިދާޅުވިއެވެ. ގާޒީ ހައްޔަރުކުރުމުގެ ދެ ދުވަސްކުރިން ތޮލްހަތު ސިފައިންގެ އިސް
އޮފިސަރުންނާއި ބައްދަލުކުރެއްވިކަމަށާއި އެ ބައްދަލުވުމުގައި މޫސާ އަލީ ޖަލީލު ބައިވެރިވެވަޑައިގެން
ވާހަކަފުޅުދެއްކެވި ކަމަށާއި އެދުވަހު ދެކެވުނީ ފުލުހުންނަށް ސިފައިން
އެހީތެރިވުމުގެ ގޮތުންކަމަށްވެސް އަބްދުއް ރަހީމް ވިދާޅުވިއެވެ.



މިއަދު ދެން ހެކިބަސްދެއްވީ ގިރިފުށީގައި އިސްގާޒީ އަބްދުﷲ
މުހައްމަދު ހުންނެވިއިރު އޭނާގެ ސިއްހީ ކަންކަން ބެއްލެވުމުގައި
ހަރަކާތްތެރިވެވަޑައިގެންނެވި ޑރ އަލީ ޝާހިދުއާއި ވެލްފެޔަރ ކަންކަން ބެލެހެއްޓެވި
އައިޝަތު ޒީނާ އެވެ. މި ދެބޭފުޅުން ހެކިބަސް ދެއްވަމުން ވިދާޅުވީ އަބްދުﷲ
މުހައްމަދާއި ގިރިފުށިން މަދު މަދުން ބައްދަލުވިކަމަށާއި އެއްވެސް ކަމެއްކުރަން
އެއްވެސް އަމުރެއް މޫސާ އަލީ ޖަލީލު ކުރައްވާފައި ނުވާކަމަށެވެ.



ބުދަ ދުވަހުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ
ބެންޗުން ވިދާޅުވީ މި މައްސަލާގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށައަޅާފައިވާ
ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު ފަސީހާއި ޑެޕިއުޓީ ކޮމިޝަނަރ އަހްމަދު އަތީފާއި
ކުރީގެ ކާނަލް ވައިސް ވަހީދް ރާއްޖޭގައި ނޫޅުއްވާކަމަށެވެ. އެއަށް
ޖަވާބްދެއްވަމުން ދައުލަތުގެ ވަކީލް 
ވިދާޅުވީ ހެކިންގެ ގޮތުގައި އެމީހުން ހާޒިރުކުރަން ބޭނުންވާކަމަށާއި އެކަން
ކުރެއްވުމަށް ދައުލަތުން މަސައްކަތް ކުރަމުން ގެންދާކަމަށެވެ.



އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި މޫސާ
އަލީ ޖަލީލްގެ އަޑުއެހުމުގައި ހެކިބަސް ނަގާފައިވާއިރު މިމައްސަލައިގައި ތޮލްހަތާ
ދެކޮޅަށް ސިފައިންގެ ދެއޮފިސަރަކު މިރޭވަނީ ހެކިބަސްދީފައެވެ.