ސިޔާސީ

އިސް ޤާޒީ ހައްޔަރުކުރަން ނިންމާފައިވާ ވާހަކަ ތޮލްހަދު ބުނެފައިވޭ-


ކުރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ދައުލަތުން ނިންމާފައިވާކަމަށް ސިފައިންނާއި އެކު ބޭއްވި ބައްދަލްވުމެއްގައި އޭރުގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ވިދާޅުވިކަމަށް މިހާރު ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.ދައުލަތުން ތޮލްހަތު އިބްރާހިމް އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޓެރަރަޒިމްގެ ކުށުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެއްވަމުން ޝިޔާމް ވިދާޅުވީ ތޮލްހަތު އެހެން ވިދާޅުވީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގެ ކުރިން ސިފައިންގެ ލަފާދޭ މަޖްލީހާއި އެކު ބޭއްވި ބައްދަލަވުމެއްގައިކަމަށެވެ.ޝިޔާމް ވިދާޅުވީ އިސްގާޒީ ހައްޔަރުކުރިތާ ހަފްތާއެއްހާ ދުވަސްފަހުން ކުރީގެ ރައީސް މުހައްމަދު ނަޝިދާއި އެކު ތޮލްހަތު އިބްރާހިމް އަނެއްކާވެސް ސިފައިންގެ އޮފިސަރުންނާއި ބައްދަލްކުރެއްވިކަމަށެވެ. އަދި މި ބައްދަލްކުރެއްވުމުގައި އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުން އެކަމާއި ސިފައިން ދެކޮޅު ހެދުމުން ސާޅީސް އަހަރަށް ޖަލުގައި ހުންނަވަން ޖެހުނަސް އެކަމުގެ ޒިންމާ ނަންގަވަން ތައްޔާރަށް ހުންނެވިކަމަށް ތޮލްހަތު ވިދާޅުވިކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެން ހެކިބަސްދެއްވީ އެމްއެންޑީއެފްގެ ޑޮކްޓަރު އަލީ ޝާހިދްއެވެ. އޭނާއަކީ އިސްގާޒީ އަބްދުﷲ މުހައްމަދު ގިރިފުށީގައި ބެހެއްޓި ހިސާބުން އޭނާގެ ސިއްހީ ކަންކަން ބެލެއްހެއްޓެވުމަށް ގިރިފުއްޓަށް ފޮނުވުނު މެޑިކަލް އޮފިސަރެވެ.ޝަރީއަތުގައި ހެކިބަސް ދެއްވަމުން ޝާހިދް ވިދާޅުވީ އަބްދުﷲ މުހައްމަދުގެ ހާލު ބެއްލުމަށް ދޭތެރެ ދޭތެރެއިން ތޮލްހަތު ގުޅުއްވާ ހެއްދެވިކަމަށެވެ. އަދި ސިފައިންގެ ފަރާތުން ދިޔަ ސައިކޮލަޖިސްޓް އައިޝަތު ޒީނާއަށް އަބްދުﷲ މުހައްމަދާއި ބައްދަލްކުރެވޭ ގޮތް ހަދާދިނުމަށް ތޮލްހަތު އެދިވަޑައިގެންނެވިކަމަށް އަލީ ޝާހިދު ވިދާޅުވިއެވެ. ޒީނާއާއި އަބްދުﷲ މުހައްމަދު ބައްދަލްކުރެވޭ ގޮތް ހެދުމަށާއި ޒީނާގެ އިތުރު މިޝަންއެއް އެބައޮތްކަމަށް ތޮލްހަތު ވިދާޅުވިކަމަށްވެސް ޝާހިދް ވިދާޅުވިއެވެ.މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައިވެސް އޮންނާނީ ހެކިބަސް ނެގުންކަން އިއުލާންކުރެއްވުމަށްފަހުގައެވެ.