ޚަބަރު

މޫސުމަށް ސަމާލުވޭ - ކަނޑުމަތީގެ ތަފާތު ގިނަ ހާދިސާތަކެއް


މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ގިނަ ހާދިސާތަކެއްގެ ރިޕޯޓް، ލިބެމުންދާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ އެމްއެންޑީއެފުން ވަނީީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.

އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށާއި، ދަތުރަށް ފުރުމުގެކުރިން ދަތުރުކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް ދަތުރާއިބެހޭ މަޢުލޫމާތު އެންގުމާއި އުޅަނދުގައި ލައިފް ޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާނެ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

އަދި ކުދި އުޅަނދުފަހަރުގައި ރޭނގަޑު ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށާއި މުދާ އުފުލާ އުޅަނދުފަހަރަށް މުދާ ބަރުކުރުމުގައި ޤަވާއިދުތަކަށް ޢަމަލުކުރުމަށާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށްވެސް އެމްއެންޑިއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރޭވުމުގައްޔާއި މޫދަަށް އެރިއުޅުމުގައި މޫސުމަށް ސަމާލުކަންދީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެމްއެންޑީއެފުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައިވާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.