ޝަރުއީ ކޯޓްތަކުގައި ހިނގަމުންދާ މައްސަލައަކާއި ގުޅޭގޮތުން ކޯޓުން ބޭރުގައި މައްސަލައަށް ސީދާ އަސަރުފޯރާގޮތަށް ވާހަކަދައްކާ ފަރާތްތަކާއިމެދު ފިޔަވަޅުއަޅާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމްގެ ގާނޫނީ ޓީމުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ދެއްކި ވާހަކަތަކާ ގުޅޭ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ކޯޓަށް ހެކި ހުށަހަޅުމުގެ ކުރިން ހެކީގެ ބާރު ކެނޑޭ ފަދަ ގޮތަކަށް ވާހަކަ ދައްކާ ނުސީދާ ތުހުމަތުތަކެއް ކުރުމަކީ މައްސަލައަށް ސީދާ އަސަރު ކުރާނެ ކަމެއްކަމަށެވެ. އަދި މި މައްސަލައާ ގުޅޭ ގޮތުން މުޙައްމަދު ނާޒިމްގެ ގާނޫނީ ވަކީލުންގެ ފަރާތުން މީޑިއާ މެދުވެރިކޮށް ތަކުރާރުކޮށް ޕީޖީ އޮފީހުގެ އަގު ވެއްޓޭ ފަދަގޮތަށް ކުރައްވާ ކޮންމެ ތުހުމަތަކަށް ޖަވާބުދާރީ ވަމުން ގެންދިއުމަކީ، ކޯޓުގައި މައްސަލަ އޮއްވައި ކުރެވެން އޮތް ކަމެއް ނޫން ކަމަށް ޕީޖީގެ ބަޔާނުގައި ބުނެފައިވެއެވެ.މީގެ އިތުރުން ޕީޖީ އޮފީހުން ނެރުނުބަޔާނުގައި ބުނެފައިވަނީ ހެކިބަސްދޭ މީހުންގެ މައުލޫމާތު ދައުވާ ލިބޭ ފަރާތައް އެނގިއްޖެނަމަ ހެކީންނަށް އެކި ގޮތްގޮތުން އުނދަގޫތަކެއް ކުރިމަތިވެ ޖިސްމާނީ އަނިޔާތައް ލިބުމަކީ ވެދާނެ ކަމެއް ކަމަށް ފެންނާތީ ހެކިބަސްދޭ މީހަކީ ކާކުކަން ސިއްރު ކުރުމަކީ ހައިކޯޓުގެ ގަޒިއްޔާއެއްގައި ހުއްދަކޮށްފައިވާ ކަމެއް ކަމަށެވެ.ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ އެޕާޓުމެންޓުން ފެނުނު ހަތިޔާރާއި ނާޒިމްގެ ފިންގަރ ޕްރިންޓާ ދިމާނުވާކަމަށް ފުލުހުންގެ ފޮރެންސިކް ރިޕޯޓުން ދައްކާކަމަށް ނާޒިމްގެ ޤާނޫނީ ވަކީލު މައުމޫން ހަމީދު އިއްޔެވަނީ ވިދާޅުވެފައެވެ.