ކުރީގެ ޑިފެންސް މިނިސްޓާރ މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާ އެނާގެ މައްޗަށް ސާބިތުކުރުމަށް ހެކި ހުށައަޅައިފިއެވެ.ނާޒިމްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އުފުލާފައިވަނީ ހަނގުރާމަވެރި ހަތިޔާރެއް ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށައެޅި ހެކީންގެ ތެރޭގައި ސިއްރު ހެކިވެރިންގެ ގޮތުގައި ހުށައެޅި ތިން ފުލުހަކާއި ސިއްރު ހެކީގެ ގޮތުގައި ހުށައެޅި ދެ ރިޕޯޓެއް ހިމެނެއެވެ.މީގެއިތުރުން ނާޒިމްގެ ކޮޓަރިން ފެނުނުކަމަށް ބުނާ ޕެންޑްރައިވްގައި ހުރި މައުލޫމާތާއި ނާޒިމްގެ ގެ ބަލާފާސްކުރުމަށް ނެރުނުކޯޓް އަމުރުތައްވެސް ހިމެނެއެވެ.މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލީ ނާޒިމްގެ ދިފާއުގައި ހުށައަޅަން ބޭނުންވާ ހެކިން ހުށައެޅުމަށް ދިރާސާކުރުމަށް ތިން ދުވަހުގެ ފުރުސަތެއް ދެއްވުމަށްފަހުގައެވެ.މިއަދުގެ އަޑުއެހުން ނިންމާލުމުގެ ކުރިން، ޝަރީއަތަށް އަސަރު ފޯރާ ފަދަ އެއްވެސް ވާހަކައެއް ވަކީލުން ދައްކަވާނަމަ އެ ވަކީލަކަށް މި މައްސަލައަށް ހާޒިރުނުވެވޭ ގޮތަށް ފިޔަވަޅު އަޅުއްވާނެކަން މައްސަލަ ބައްލަވާ ބެންޗުން އިއުލާންކުރައްވާފައިވެއެވެ.