ކުޅިވަރު

އިންޑިޔާގެ ކްރިކެޓް ޓީމް އައުމަކީ ރާއްޖޭގެ ކްރިކެޓު ފުޅާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް - ނައިބު ރައީސް


އެއަރ އިންޑީޔާގެ ކްރިކެޓް ޓީމް މާލެ އައުމަކީ ރާއްޖޭގެ ކްރިކެޓު ފުޅާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެއަރ އިންޑިޔާގެ ކްރިކެޓް ޓީމް މާލޭގައި ކުޅޭ ޚާއްސަ ދެ މެޗަށް އިޝާރާތްކޮށް ނައިބް ރައީސް ވިދާޅުވީ ރާއްޖޭގެ ކްރިކެޓު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި މިއީ ވަރަށް ރަނގަޅު އިސްނެންގެވުމަށްކަމަށެވެ. ނައިބް ރައީސް ވިދާޅުވީ ކުޅިވަރުގައި ކުރިއަށްދިޔުމަށް ކުރެވޭނެ އެންމެ ބޮޑުކަމަކީ މޮޅެތި ކުޅުންތެރިންނާއިއެކު ކުޅުންކަމަށާއި، މިއީ އެގޮތަށް މުޅި ކްރިކެޓުގެ އާއިލާއަށް ލިބޭ ބޮދު ފުރުސަތެއްކަމަށެވެ.

ނައިބް ރައީސް ވިދާޅުވީ ކްރިކެޓަކީ އަށްޑިހައިގެ އަހަރުތަކުގައިވެސް ވަރަށް މަގުބޫލު ކުޅިވަރެއްކަމަށާއި، އެއަރ އިންޑިޔާގެ ޓީމް ކުޅޭ މެޗާއިއެކު ރާއްޖޭގައި މި ކުޅިވަރަށް އޮތް މަގުބޫލުކަން މިއަށްވުރެ ބޮޑަށް އިތުރުވާނެކަމަށެވެ.