ކުޅިވަރު

ފުރުޞަތު ލިބޭނަމަ ދިވެހި ކުޅުންތެރިން ކުރިއެރުން ހޯދާނެ - ރައީސް ޞާލިހު


ރާއްޖޭގެ ތިބި ހުނަރުވެރި ކުޅުންތެރިންނަށް ފުރުސަތު ލިބިއްޖެނަމަ ކުރިއެރުން ހޯދާނެކަން ފެނިއްޖެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިންޑިޔާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމުގެ ކްރިކެޓު ސީރީސް ނިމުން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ކްރިކެޓުގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށާއި، މުޅި އިވެންޓްވެސް ވަރަށް ކާމިޔާބުކަމަށެވެ.

ރާއްޖޭގެ ޤައުމީ ކްރިކެޓު ޓީމަށް ތަޖުރިބާކާރު ކުޅުންތެރިންނާއިއެކު ކުޅުމުގެ ފުރުސަތު ލިބި ކުރިއަށްދިޔުމަށް ހިތްވަރެއް ލިބިއްޖެކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހުނަރުވެރި ކުޅުންތެރިން އެބަތިބިކަމަށާއި، ކުޅުންތެރިންނަށް ބޭނުންވަނީ ބައިނަލްއަގްވާމީ ތަޖުރިބާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތްތާނގައިވެސް މިފަދަ ފުރުސަތުތަކެއް ހުރިހާ ކުޅިވަރަކަށްވެސް ފަހިކޮށްދެއްވައި ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށެވެ.