ސިޔާސީ

ކޮންމެ ކަމަކީ ގަދަބާރުން ނިންމާކަމެކޭ ބުނާބުނުން ދޫކޮށްލަން ޖެހޭ-


ރާއްޖޭގައި އަމާންވެށްޓެއް ގާއިމުކުރުމަށްޓަކާ ކޮންމެ ކަމަކީ މަގުމަތީގައި ގަދަބާރުން ނިންމާކަމެކޭ ބުނާބުނުން އެއީ މާޒީގެ ތެރެއަށް ދޫކޮށްލަން ޖެހޭކަމެއްކަމަށް މިހާރު ނިންމަންޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.ޔޫތު ލީޑަރސް ނެޓްވޯކް އިފްތިތާހް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބދުﷲ ޔާމީން ވިދާޅުވީ، މަގުމަތީގައި ކަންކަން ގަދަބާރުން ނިންމާކަމެކޭ ބުނުމުގެ ބަދަލުގައި ރާއްޖެއަށް ހަމަޖެހުން އޮތީ އެކަކު އަނެކަކަށް އިހްތިރާމްކޮށްގެންކަމަށާއި މިއަދު ކުރެވޭ މަސައްކަތްތައް ބިނާވެފައިވަނީ އެއިހްތިރާމްގެ މައްޗަށްކަމަށެވެ.ދެމީހެއްގެ ދެމެދުގައި ނުވަތަ ދައުލަތާއި އެހެންފަރާތަކާއި ދެމެދު އޮންނަ މައްސަލައެއްގެ ތެރެއަށް މިއަދު ރާއްޖޭގައި ގާއިމުކޮށްފައިވާ ނިޒާމުގެ ތެރެއިން ސަރުކާރަށް ބަސްބުނެވެން ނެތްކަމަށާއި އެކަންކުރަން އުޅުން އެއީ އަނެއްކާވެސް ފަސްދޮޅޮހުގެ އަހަރުތަކަށް ރުޖޫއަވުންކަމަށް ރައީސް ސިފަކުރެއްވިއެވެ.ރައީސުލްޖުމްހޫރިއްޔާ ކަންކުރާ މީހެއްގެ އުމުރުގެ މައްސަލައެއް އުޅޭކަމަށްވާނަމަ ރައީސުލްޖުމްހޫރިއްޔާކަން ކުރާ މީހެއްގެ އުމުރުފުރާ ބަދަލުކުރުމަކީ ނިޒާމުގެ ތެރެއިން ކުރަންޖެހޭކަމެއްކަމަށާއި އެއީ ގާނޫނާއި އަދި ގާނޫނުގެ ރޫހާއިވެސް ޚިލާފްކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އެކަން ނުކުރެވޭ ގޮތަށް އޮންނަން އެއްވެސް މީހަކު ގަބޫލުވާނެކަމަށް ދެކެވަޑައިނުގަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.ހާލަތު ބަދަލުވީމާ ނިޒާމް ތަކަށް އަންނަ ބަދލު ހުންނާނެކަމަށާއި އިހްތިރާމްކުރުމަކީ، އެނިޒާމްތައް ދެމެހެއްޓުމަށް އިހްތިރާމްކުރުންކަމަށާއި އެނިޒާމުގެތެރޭގައި ވަކި ބަޔަކު އިސްތިސްނާކުރެވިފައި ތިބޭގޮތަށް އޮތުމަކީ އެއްވެސް މީހަކު ގަބޫލުކުރާނެކަމެއް ނޫންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.ރާއްޖޭގެ ދާޚިލީ ކަންކަމަކީ ބޭރުގެ ފަރާތްތަކަށް ޖާގަދީގެން އަދި ރާއްޖޭގެ ދާޚިލީ ކަންކަން ނިންމުމުގައި ބޭރު ފަރާތްތަކުގެ ބަސް ހޯދަން އުޅޭ އުޅުމަކީ ސިޔާސީ މީހުން ކޮށްގެންވާނެކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.